ޚަބަރު

ރައީސް ޔާމީނަކީ ސިޔާސީ ޙަޔާތް ދުށް "ޕޮލިޓިކަލް ޖީނިއަސް" އެއް - މަސީޙު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ދިވެހިރާއްޖޭގެ ސިޔާސީ ޙަޔާތް ދުށް "ޕޮލިޓިކަލް ޖީނިއަސް" އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "އެކަލަސް، މިކަލަސް، ދެނަސް ރައީސް ޔާމިން 2018" މިނަމުގައި ފުވައްމުލަކުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަސީހު ވިދާޅުވީ ސިޔާސީ މައިދާނުގައި "ވަރަށް ވަރުގަދަ މެޗެއް" މީގެ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުޅެފައިވާ ކަމަށާ އެ ވާދަވެރި މެޗުގެ ފަހުވަގުތުގައި މޮޅަށް ކުޅުއްވައި މޮޅު ލަނޑުތަކަކާއެކު ރައީސް ޔާމީން މެޗް ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ސްޓެރެޓަޖީއާއި ގޭމް އަތުރާލާ ގޮތާއި ގޭމްޕެލޭން އެއީ އާދަޔާ ޚިލާފް ކަންތައްތަކެއްކަމަށެވެ. އަދި ސިޔާސީ މައިދާނުގައި މޮޅު ރައީސުންނަކީ ވަރަށް (ރެއާރ) މަދު ބައެއްކަން މަސީހުގެ ވާހައިގައި ވަނީ ފާހަގަކުރައްވާފައެވެ.

"ދެން ހިންގަވާ ތަރައްޤީގެ މައިދާނުގައި އެމަނިކުފާނު ކުރައްވާ ކަންތައްތައް. މިހާރު ފުވައްމުލަކުގައިވެސް ބައެއް ބޭފުޅުން ފާހަގަކުރެއްވިހެން ނަރުދަމާ ނިޒާމުގެ ވާހަކަ އަންޒަމާނު ކަރައިން ފެށިގެން ދައްކަނީ. ހަމަ އޭރުވެސް މިތަނުގައި އަޅަންވީ ނޫންތޯ. އެމެރިކާ އާއި އިނގިރޭސިވިލާތް އޭރުވެސް އޮތޭ. އެކަމަކު މިތަނުގައިވެސް ސަރުކާރުތަކެއް ފާއިތުވެގެން ދިޔައިރު އެކަން ނުވެ އޮއްވާ ރައީސް ޔާމިން ވަޑައިގެން ވަރަށް ރަނގަޅަށް އެކަންތައް ބައްލަވާ ކުރައްވަމުން އެގެންދަވަނީ. މިހާރު ފެނާއި ނަރުދަމާ އެނިމެނީ ފުވައްމުލައް. މިހާރު އެތައްޔާރުކުރަނީ ރައްގިރުމުގެ ކަންތައް ހައްލުކުރުމަށް ތިން ސަތޭކަ މިލިއަނައްވުރެ ގިނަ ރުފިޔާގެ ބިޑް ޑޮކިއުމެންޓްސް."

މަސީހު ވިދާޅުވިއެވެ.

މަސީހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންގެ ޙާލު ބައްލަވާލައްވައި ރައްޔިތުންނާ ބެހެއްޓެވި ގާތްކަން ފާހަގަކުރައްވާ އެކަމަނާއަށް ޝުކުރުއަދާކުރައްވާފައެވެ.