ޚަބަރު

އެނބުރި އައި މެޗުގައި އަސަދުﷲ ގޯލް ޖަހައިފި


ކެޕްޓަން އަސަދުﷲ އެނބުރި އައި މެޗުގައި ލަނޑުޖަހާ ދެވަނަ ބުރުގެ ފެށުން މާޒިޔަ ރަނގަޅުކޮށްފިއެވެ.

އެސްޓިއޯ މާލެ ލީގުގެ ދެވަނަ ބުރުގައި މާޒިޔާ އާއި ވެލެންސިޔާ ވާދަކުރި މެޗު މާޒިޔާ ކާމިޔާބުކުރީ ފަސް ލަނޑު ސުންލަނޑުންނެވެ.

މުޅި މެޗުގައި ވެސް މޮޅަކުޅެ މާޒިޔާއިން ވަނީ ވެލެންސިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗުގައި ވެލެންސިޔާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ.

މާޒިޔާ ފުރަތަމަ ލަނޑަކީ ވެލެންސިޔާގެ ފަހަތަށް ކުޅެމުން އައި މޫސާ ހަސަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ލަނޑަށްފަހު މާގިނަ އިރުތަކެއް ނުވަނީސް އަނެއްކާވެސް ވެލެންސިޔާގެ ފަހަތަށް ކުޅެމުންއަންނަ ކުޅުންތެރިންނަށް ރަނގަޅަ ބޯޅަ ސާފުކޮށްނުލެވެނީސް މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިއަހަރު މާޒިޔާގެ ޓީމާ އަލަށް ގުޅުނު އާދަމް ނާސިހެވެ. މުޅި މެޗުގެވެސް ވެލެންސިޔާގެ ދިފާއު ފެނިގެންދިޔައީ ވަރަށް ދަށްކޮށެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން މާޒިޔާއިން އެޓޭކް ވަރުގަދަކޮށް ވެލެންސިޔާ ގޯލަށް ނުރައްކާކުރަމުންދިޔައެވެ. މެޗުގެ މާޒިޔާ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަންގައި މާޒިޔާގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އަންނަ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ޝަހާއުއެވެ. މިލަނޑަށްފަހު މާގަނަ އިރުތަކެއް ނުވެ ޝަހާއު ބަދަލުގައި މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ ވަނީ ކުޅެން ނުކުމެފައެވެ. އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ނުކެޅު ހުރި ކުޅުންތެރިޔާ ދަނޑަނުކުމެވަނީ މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ މާޒިޔާގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް އީސައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނީ މި ލިބުނީ ވަރަށް މުހިންމު މޮޅެއްކަމަށާއި ހާއްސަކޮށް މިމޮޅާއެކު ދެވަނު ބުރުގެ ފެށުން މި ދިޔައީ ވަރަށް ރަނގަޅަކަމަށެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަނިޔާއިން އެނބުރި އައިސް ލަނޑު ޖެހުން އިންމަ ބުނީ އަސަދުﷲ އެނބުރި އައުމަކީ ޓީމަށް ލިބުނު ހިތްވަރެއްކަމަށެވެ.

" ދެވަނަބުރުގެ ފެށުން މިދައީ ވަރަށް ރަނގަޅަށް. މިއީ ހަގީގަތުގައި ޓީމަށް ލިބުނު ވަރަށް މުހިންމު މޮޅެއް. އަސަދުﷲ އެނބުރި އައުމަކީ ޓީމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް." އިންމަ ބުންޏެވެ.

މެޗަށްފަހު ވެލެންސިޔާގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނީ މެޗަށް ނުކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި މި ބައްޔާއެކު ދެންހުރި މެޗުތައް ކާމިޔާބުކުރަން ހިތްވަރާއެކު މަސައްކަތް ކުރަން ޖެހޭކަމަށެވެ.

" ވަރަށް ބޮޑަށް ތައްޔާރުވެގެން މިމެޗަށް ނުކުތީ. ދެން މިހިސާބުން ވަރަށް ބޮޑަށް ހިއްވަރުކޮއްގެން ރަނގަޅު ނަތީޖާއެއް ލިބޭނީ." ލައްޗޭ ބުންޏެވެ.

މެޗުން ލިބުނު ތިންޕޮއިންޓާއެކު މާޒިޔާ ވަނީ އަށް މެޗުން ސޯޅަ ޕޮއިންޓް ހޯދާފައެވެ. ލީގުގައި އެއްވެސް މެޗަކުން މޮޅެއް ނުލިބި ވެލެންސިޔާ އޮތީ އެއް ޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ.