ޚަބަރު

މެލޭޝިޔާގެ އާއްމު އިންތިޚާބު އޮބްޒާވްކުރުމުގައި ރާއްޖެއިން ހަރަކާތްތެރިވަނީ


މެލޭޝިއާގައި މިއަދު ފެށި އާއްމު އިންތިޚާބު އޮބްޒާވްކުރުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ހަރަކާތްތެރިވަމުން އެބަދެއެވެ.

މެލޭޝިޔާގެ އާއްމު އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު، އިންތިޚާބު އޮބްޒާވްކުރުމުގައި ރައްޖޭގެ ފަރާތުން ހަކަރަކާތްތެރިވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްއާއި ކޮމިޝަން މެންބަރ އަޙްމަދު އަކްރަމްއެވެ.

މެލޭޝިއާގެ 14 ވަނަ އާއްމު އިންތިޙާބުގެ ވޯޓުލުން އޮބްޒާވްކުރުމުގައި ރާއްޖޭގެ އިތުރުން ތައިލޭންޑާއި އަޒަރްބައިޖާނާއި އިންޑިއާއި ކިރްގިސްތާނާއި ޕާކިސްތާނާއި އިންޑޮނޭޝީއާއި އުޒްބަކިސްތާނާއި ކެމްބޯޑިއާގެ މަންދޫބުން ދަނީ ޙަރަކާތްރެތިވަމުންނެވެ. މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަން އިން ބުނީ ގިނަ އަދަދެއްގެ އޮބްޒާވަރުން ހަރަކާތްތެރިވުމުގެ ފުރުޞަތުދިނީ ވީހާވެސް ބޮޑަށް ދެފުއް ފެންނަ ގޮތަކަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ގެ ބަރިސަން ނޭޝަނަލް ޕާރޓީގެ އިތުރުން މެލޭޝީއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދުގެ މެލޭޝިއަން ޔުނައިޓެޑް އިންޑިޖިނަސް ޕާރޓީން ވާދަކުރެއެވެ.

މެލޭޝިއާގެ 14 ވަނަ އާއްމު އިންތިޙާބުގައި އެ ޤައުމުގެ 14.9 މިލިއަން ރައްޔިތުން ވޯޓުލާނެކަމަށް ބެލެވެއެވެ.