ޚަބަރު

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފުލުހުން ކ. ގުރައިދޫގައި ހަރަކާތްތަކެއް ފަށައިފި


ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕޮރޮޓެކްޝަން ޑިޕާޓްމަންޓުން މާލެ އަތޮޅު ގުރައިދޫގައި ހަރަކާތްތަކެއް ފަށައިފިއެވެ.
މި ހަރަކާތްތައް ފެށުމުގެ ގޮތުން އިއްޔެ ހަވީރު އެރަށުގެ ބަނދަރު ސަރަހައްދުގައި ވަނީ ޚާއްސަ ބިލް ބޯޑެއް އިފްތިތާޙްކޮށްފައެވެ.

"ކޮންމެ ކުށްޖަކަށްވެސް ރައްކާތެރިކަން ލިބެން ޖެހޭ" މި ޝިޔާރު ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ބިލް ބޯޑު އިފްތިތާހްކޮށްދިނީ ގުރައިދޫ ސްކޫލް ދަރިވަރުންނެވެ. ގުރައިދޫ ކައުންސިލާއި ގުޅިގެން އެރަށުގައި ހިންގާ މިހަރަކާތްތަކުގައި ސްކޫލުގެ ދަރިވަރުންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

މިރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑް، ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ، ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އެކުދިންނަށް މުޖުތަމަޢުގެ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާކަން ހަނދާން ކުރަންޖެހޭކަމަށެވެ. އަދި ކުޑަކުދިންނާމެދު ހިންގާ ހިތާމަވެރިކަންކަން ހުއްޓުވުމަށް މުޅި މުޖުތަމައުން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ބަޝީރު ގޮވާލެއްވިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ފެމެލީ އެންޑް ޗައިލްޑް ޕޮރޮޓެކްޝަން ޑިޕާޓްމަންޓް "އެފް.ސީ.ޕީ.ޑީން" އަންނަނީ އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް އެކި ރަށްރަށުގައި ހިންގަމުންނެވެ.

މިހަރަކާތާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެފް.ސީ.ޕީ.ޑީ ގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް ވިދާޅުވީ، އެޑިޕާޓްމަންޓުން މިފަދަ ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގަނީ ކުޑަކުދިންނާއި ގުޅޭކަންކަމަށް އާންމުން އިތުރަށް ހޭލުންތެރި ކުރުވުމަށް ކަމަށެވެ. އަދި މިފަހަރު ކަނޑައަޅާފައިވާ "ކޮންމެ ކުށްޖަކަށްވެސް ރައްކާތެރިކަން ލިބެން ޖެހޭ" މިޝިޔާރާއި އެއްގޮތަށް ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް މައިން ބައފައިނާއި، ބެލެނިވެރިން އަދި މުޅި މުޖުތަމަޢުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

މިރަސްމިއްޔާތުގައި ގުރައިދޫގައި ހުންނަ ޚާއްސައެހިތެރިކަމަށް ބޭނުންވާ މީހުންގެ މަރުކަޒަށް ރަމްޒީ ހަދިޔާއެއްވެސް ވަނީ ދީފައެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެފް،ސީ.ޕީ.ޑީން ގުރައިދޫގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ރޭ ވަނީ ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަނެއް ކުރިއަށްގެންގޮސްފައެވެ. އަދި މިއަދު ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.