ކުޅިވަރު

ވިކްޓްރީ ބަލިކޮށް، ނިއުގެ ލީޑް 6 ޕޮއިންޓަށް!


ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކުލަބް ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯރޓްސް ކުލަބުން ތާވަލްގެ އެއްވަނާގައި ހަ ޕޮއިންޓްގެ ލީޑްއެއް ނަގައިފިއެވެ.

މިއަހަރުގެ ލީގުގައި މިހާތަނަށް ނިއުރޭޑިއަންޓް ބަލިކުރި ހަމައެކަނި ޓީމް، ވިކްޓްރީގެ މައްޗަށް ދެވަނަ ބުރުގައި ރޭ ނިއުރޭޑިއަންޓް ކުރި ހޯދީ 3-1 ނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ނިއުއިން ލީޑް ނެގުމާ ހަމައަށް، އެޓީމް ކުޅެމުންދިޔައީ ޕްރެޝަރުގައެވެ. 34 ވަނަ މިނިޓްގައި ނިއުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރުއެވެ. މިލަނޑަކީ ވިކްޓްރީގެ ޑިފެންޓަރ ޝާފީއަށް ހެދުނު ގޯހަކުން ފުރުޞަތު ތަނަވަސްކޮށްގެން އުމެއިރު ކާމިޔާބުކުރި ގޯލެކެވެ. ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރުއެވެ. އަދި ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގުއެވެ.
މެޗުގެ ދެވަނަ ހާފްގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދެ ޓީމަށްވެސް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ގޯލެއް ޖެހުމަށް ވިކްޓްރީން ކުރަމުންދިޔަ މަސައްކަތަށް ނިމުމެއް ގެނެސްފައިވަނީ މެޗްގެ 87 ވަނަ މިނެޓްގައި ސިމޮންއެވެ. ސިމޮން ވިކްޓްރީއަށް ސުން ކަނޑުވާލުމުގެ ކުރިން އަހުމަދު ނާޝިދު ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ މަތީ ދަނޑިއަށެވެ. އޭގެ ކުރިން ވިކްޓްރީގެ ބިދޭސީ ކުޅުންތެރިޔާ ސޮމޮން ޓީބޯ، ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު ފައިސަލް ދިފާއުކުރިއެވެ.

މެޗަށްފަހު ނިއު ރޭޑިއަންޓް ސްޕޯރޓްސް ކުލަބްގެ ކޯޗް އޮސްކާ ބުރޫޒަން ބުނީ މިއަހަރުގެ ސީޒަންގައި ނިއުއާއި އެންމެ ވާދަވެރި ޓީމަކަށް ވެފައިވަނީ ވިކްޓްރީކަމަށާއި، އެޓީމްގެ މައްޗަށް ކުރި ހޯދުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. އަދި އަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ މުހިންމު މެޗްގެ ކުރިން މޮޅެއް ހޯދުމަކީ ކުޅުންތެރިންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް އޮސްކާ ބުންޏެވެ.

ވިކްޓްރީގެ ކޯޗް ލާސްލޯ ކިސް ބުނީ ވިކްޓްރީގެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށާއި، މެޗުން ބަލިވީ ވިކްޓްރީގެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވިގެންކަމަށެވެ. އަދި މެޗުގައި ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުކަންވެސް ކޯޗް ކިސްވަނީ ފާހަގަކޮށްފައެވެ.

ތާވަލްގެ އެއްވަނާގައި ނިއުއިން ހަ ޕޮއިންޓްގެ ލީޑެއް ނަގާފައިވާއިރު، ތާވަލްގެ ދެވަނާގައި 16 ޕޮއިންޓްއާއެކު އޮތް މާޒިޔާއަށް ތިން ޕޮއިންޓަށް ފަރަޤު ކުޑަ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ މިރޭ ޓީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ.