ކުޅިވަރު

16 ގަޑިއިރުގެ ދަތުރަކަށްފަހު ނިއުރޭޑިއަންޓް ގުވަހައްޓީއަށް!


ސޯޅަ ގަޑިއިރު ދަތުރަކަށްފަހު ނިއުރޭޑިއަންޓް އިންޑިޔާގެ ގުވަހަޓީއަށް ގޮސްފިއެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސެޓޭޖްގެ އެންމެފަހު މެޗުގައި އިންޑިޔާގެ އައިޒޯލް އެފްސީއާ ވާދަކުރުމަށް ނިއުރޭޑިއަންޓް އިންޑިޔާގެ ގުވަހަޓީއަށް ދިޔައީ ދަތުރުމަތީގައި ސޯޅަގަޑިއިރު ހޭދަކުރަމަށްފަހުއެވެ. އިންޑިޔާގެ ގުވަހަޓީއަށް ޓީމު ދިޔައީ ލަންކާ އެއާޕޯޓުގައި އާއި އިންޑިޔާގެ ދިއްލީ އެއަޕޯޓްގައި މަޑުކުރުމަށްފަހުއެވެ. ރޭ ނުވަގަޑި ބައިގަ މާލެއިން ފުރާގެން ލަންކާގައި އެއްގަޑިއިރު މަޑުކުރުމަށްފަހު ދިއްލީއާ ދާން ޓީމް ފުރީ ރޭ ދަންވަރު ބާރަ ޖެހިއިރުއެވެ. ދިއްލީއަށް ދެވުނީ ރޭފަތިހު ހަތަރުގަޑި ފަނަރައިގައެވެ. ހަ ގަޑިއިރު ދިއްލީ އެއާޕޯޓުގައި މަޑުކުރުމަށްފަހު ޓީމު އިންޑިޔާގެ އާސާމް އެއަޕޯޓަށްދާން ފުރީ ހެދުނު އެގާރަޖެހި އިރުއެވެ. އާސާމް އެއާޕޯޓުން ޓީމް މަޑުކުރުމަށް ހަމަޖަހިފަވާ ހޮޓަލަށް ދެވުނީ އެއްގަމު މަގުން އެއްގަޑިއިރުގެ ދަތުރަކަށްފަހުއެވެ.
މެޗުގެ ކުރިން ދުރާލާ ނިއުރޭޑިއަންޓުން ގުވަހަޓީއަށް ދިޔައީވެސް ދަތުރުގެ ރާސްތާ ދިގުވުމުގެ ސަބަބުން ކަމަށް ކުލަބުން މައުލޫމާތުދެއެވެ. މިމެޗަށް ޓީމް މަޑުކުރުމަށް ހަމަޖެހިފަވަނީ އިންޑިޔާގެ ގުވަހަޓީގެ " ދަ ލިލީ ހޮޓެލް " ގައެވެ. އެއީ މެޗު ކުޅުމަށް ހަމަޖެހިފަވާ އިންދިރާ ގާންދީ އެތުލެޓިކޯ ސްޓޭޑިޔަމާ ގާތްގަނޑަކަށް ދިހަ ކިލޯމިޓަރު ދުރުގަވާ ހޮޓަލެކެވެ. މެޗުގެ ކުރިން ކުރިޔަށްދާ އޮފިޝަލް ޓްރޭނިން ފިޔަވައި އެހެން ޓްރޭނިންގތައް ކުރިޔަށްދާނީ ސްޓޭޑިޔަމާ ޖެހިގެން އޮންނަ ޓްރޭނިންގ ދަނޑުގައެވެ.

މިމެޗަށް ނިއުއިން ދިޔައީ ނަވާރަ ކުޅުންތެރިން ގޮވައިގެންނެވެ. ޓީމުން ފުރުސަތު ނުލިބުނު ސްކޮޑުގައި ހިމެނޭ މުހިންމު ކުޅުންތެރިޔަކީ މުހަންމަދު ރަޝީދު (ހޮކޭ)އެވެ. ކޯޗު އޮސްކާ ބުރޮޒަން ބުނީ ހޮކޭއަށް ފުރަސަތު ނުދިނީ ކައިރި ކައިރީގައި މެޗުތަކެއް ކުޅުމުގެ ސަބަބު ކުޅުންތެރިޔާއަށް ރެސްޓު ދިނުމުގެ ގޮތުންކަމަށެވެ. މެޗަށް ތައްޔާރުވުމަށް އިންޑިޔާގެ އައިޒޯލް އެފްސީ ގުވަހަޓީއަށް ދާނީ މާދަމާއެވެ. މެޗު ކުޅޭނީ ބުދަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން ފަސްގަޑި ސާޅީސް ފަހެއްގައެވެ.