ޚަބަރު

ކުޑަކުދިން ކުށްކުރުން މަދުކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަންޖެހޭ - ހޯމް މިނިސްޓަރ


މައިން ބަފައިންނާ ބެލެނިވެރިންނަށް ޚާއްސަކޮށްގެން، ކުޑަކުދިން ކުށްކުށަށް އަރައިގަންނަ ނިސްބަތް މަދުކުރުވުމާއި ގުޅޭ ތަފާތު ޕްރޮގްރާމްތަކެއް ރާއްޖޭގައި ފަށަންޖެހިފައިވާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 22 ވަނަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޖުވެނައިލް ޖަސްޓިސް ޔުނިޓް "ޖޭ.ޖޭ.ޔޫ" އިން އިންތިޒާމްކޮށްގެން ކަމާއި ގުޅުންހުރި އިދާރާތަކުގެ ކައުންސިލަރުންނާއި މުވައްޒަފުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އިތުރަށް ހޭލުންތެރިކުރުމަށް ބޭއްވި މި ތަމްރީން ޕްރޮގްރާމަކީ މި ސިލްސިލާގެ 22 ވަނަ ބައްދަލުވުމެވެ.

މިބައްދަލުވުން ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ކުޑަކުދިން ކުށްކުށަށް އަރައިގަތުމަށް މަގުފައިވަނީ އެކުދިން ހެދިބޮޑުވުމުގައި ހޭދަކުރާ މަރުހަލާތަކުގެ ތެރެއިން ކޮންމެވެސް އެއް މަރުހަލާގައި މައްސަލަތަކާ ދިމާވެގެންކަމަށެވެ. އަދި މިފަދަ ކަންކަމަކީ އެކުދިންގެ މައިންބަފައިންވެސް ވަރަށް ސަމާލުވެ ކުދިން ބޮޑެތިކުރުމުގައި ވިސްނަން ޖެހިފައިވާކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ، ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ކިތަންމެ ބޮޑު ކުށެއް ކުރިނަމަވެސް އެފަދަ ކުދިންނަށް އެކަމުގެ ބޮޑުކަން އަންގައިދޭން ބަލާއިރު، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި، ޢަމަލުކުރާ މުޢާހަދާތަކުގެ ސަބަބުން ބައެއް ޙާލަތްތަކުގައި ގޮންޖެހުންތަކާ ކުރިމަތިވާކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ހާމިދު ޔޫސުފް ވިދާޅުވީ، ކުށްތަކަށް އަރައިގަންނަ ކުޑަކުދިން އިސްލާހްކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް އެޔުނިޓުން ހޯމްމިނިސްޓްރީގެ ބެލެމުގެ ދަށުން ކުރަމުންދާކަމަށާ، ތަފާތު ކުށްތަކުގައި ޝާމިލުވެފައިވާ 18 އަހަރުން ދަށުގެ ކުދިން އަލުން މުޖުތަމަޢަށް ނެރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށަން މިހާރުވެސް ތައްޔާރުވަމުންދާކަމަށެވެ.

ޖޭ.ޖޭ.ޔޫގެ އިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީއާއި، ޖުވެނައިލް ކޯޓާއި، ފުލުހުންންގެ އިދާރާގެ މުވައްޒަފުންނާއި ކައުންސިލަރުން ބައިވެރިވި މިތަމްރީނު ޕްރޮގްރާމުން ކުޑަކުދިންގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ވަރަށް ބޮޑަށް ހޭލުންތެރިވިކަން ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. ކުޑަކުދިންގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ގުޅުންހުރި ދާއިރާތަކުގެ މީހުން ހޭލުންތެރިކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޕްރްގްރާމް ކުރިއަށްގެންގޮސް ފަސްސަތޭކައަށްވުރެ ގިނަ މީހުންނަށް ވަނީ މިހާތަނަށް ތަމްރީނުކޮށްފައެވެ.