ޚަބަރު

އެންމެ އަލިގަދަ ތަރި ޖޫނިއާރގެ އޮޑިޝަންތައް ހޮނިހިރު ދުވަހު ދައްކަން ފަށަނީ


ޕީއެސްއެމްއިން ގެނެސްދޭ އެންމެ އަލިގަދަ ތަރި ޖޫނިއާގެ އޮޑިޝަންތައް އަންނަ ހޮނިހިރު ދުވަހު ދައްކަން ފައްޓަން ނިންމައިފިއެވެ. އެންމެ އަލިގަދަ ތަރި ޕްރޮޑަކްޝަން ޓީމުން ބުނީ ހޮނިހިރު ދުވަހު ދެއްކުމަށް ހަމަޖެހިފައިވަނީ މާލެއާއި އަތޮޅުތެރެއިން މުބާރާތައް ކުދިން ނެގުމަށް ކުރިއަށް ގެންދިޔަ އޮޑިޝަންތައްކަމަށެވެ. މި މުބަރާތުގެ ކިޔެވުންތައް ޓީވީން ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހޮނިހިރު މި ދެ ދުވަހުއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަގެންދާ މިމުބާރާތުގެ އޮޑިޝަންތަކުގައި ތިންސަތޭކަ ތިރީސް ހަ ކުދިން ބައިވެރިވެފައިވެއެވެ.

މުބާރާތުގެ އޮޑިޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އިތުރުން ޅ.ނައިފަރާއި ހއ.ދިއްދޫއާއި އައްޑޫ ސިޓީގައެވެ. މިމުބާރާތަކީ ކީރިތި ޤުރުއާނާއި ޤުރުއާނުގެ ޢިލްމާއި ތަޖުވީދުގެ ހަމަތަކާއެކޮށް ކިޔެވުމުގެ ވާދަވެރިކަން ކުދިންގެ މެދުގައި އުފައްދާ ކީރިތި ޤުރުޢާނަށް ޝަޢުގުވެރިވާ ޖީލެއް ބިނާކުރުމަށް ޕީއެސްއެމުން ކުރިއަށްގެންދާ މުބާރާތެކެވެ.
ޢުމުރުން އަށް އަހަރާއި ސޯޅަ އަހަރާއި ދެމެދުގެ ޢުމުރުފުރާއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުން އެއްވަނަ އަށް ހޮވޭ ކުއްޖަކަށް ތިން ސަތޭކަ ހާސް ރުފިޔާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ދެވަނައަށް ސަތޭކަ ހާސް އަދި ތިންވަނައަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިފައެވެ.