ކުޅިވަރު

މާޒިޔާ ބަލިކޮށް އީގަލްސް ދެވަނައަށް


މާޒިޔާ ބަލިކޮށް، ލީގު ތާވަލްގެ ދެވަނައަށް ކުލަބް އީގަލްސް ޖެހިލައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ރޭ މާޒިޔާ އާއި ކުލަބް އީގަލްސް ވާދަކުރި މެޗު އީގަލްސް ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ. ލީގުގެ ފުރަތަމަ ބުރުގައި މިދެ ޓީމް ވާދަކުރި މެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ މާޒިޔާއެވެ. ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މާޒިޔާއަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. ކުލަބް އީގަލްސްއަށްވެސް ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ރެފްރީންގެ ނިންމުންތަކާއި ހިންހަމަނުޖެހުން ފާޅުކުރަމުންދިޔައެވެ.

މާޒިޔާގެ އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ކޯނޭއަށެވެ. އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ވަނީ ދިފާޢުކޮށްފައެވެ. ކުލަބް އީގަލްސްއަށް މެޗުގެ ވަރަށް ކުރީ ކޮޅު ހުސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އޭރިއާ ތެރޭގައި ހުރެ މުބީން ފޮނުވާލި ބޯޅަ ދިޔައީ ސީދާ ކީޕަރާއި ދިމާލަށެވެ. އަދި އެޑުއާޑޯ ގޯލްގެ އަރިމަތީ ކަނަށް ފޮނުވާލީ ބޯޅަ މާޒިޔާގެ ކީޕަރުވަނީ ދިފާޢުކޮށްފައެވެ. މެޗުގައި އީގަލްސްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 87 ވަނަ މިނެޓްގައި ޖުމެއިލް ޖަމީލްއެވެ.

މިތިން ޕޮއިންޓާއެކު ލީގު ތާވަލްގެ ދެވަނައަށް ކުލަބް އީގަލްސް ޖެހިލާފައިވާއިރު، 10 މެޗުން އެޓީމަށް ވަނީ 18 ޕޮއިންޓް ލިބިފައެވެ. މިމެޗުގެ ކުރިން ތާވަލްގެ ދެވަނާގައި އޮތް މާޒިޔާވަނީ މެޗުން ބަލިވުމުން ތާވަލްގެ ތިންވަނައަށް ވެއްޓިފައެވެ. 10 މެޗުން އެޓީމަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.