ކުޅިވަރު

ފުރަތަމަ ބުރުގައި ގެއްލުނު ޕޮއިންޓްތައް މިބުރުގައި ހޯދާނަން - މޯހަން


ފުރަތަމަ ބުރުގައި އީގަލްސްއަށް ގެއްލުނު ނުވަ ޕޮއިންޓް، މިބުރުގައި ހޯދާނެކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ރޭ 1-0 ން މާޒިޔާ ބަލިކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން މޯހަން ބުނީ ފުރަތަމަ ބުރުގައި ގެއްލުނު ޕޮއިންޓްތައް މިބުރުގައި ހޯދަންޖެހޭކަމަށާއި، ދެފަހަރަށް އެއް ޓީމެއްގެ އަތުން ބަލިވާން ބޭނުން ނުވާކަމަށެވެ. ލީގުގެ ފުރަތަމަ ބުރުގައި އީގަލްސްވަނީ މާޒިޔާ އަތުން 2-0 ލަނޑުން ބަލިވެފައެވެ. ޓީސީ ސްޕޯރޓްސް ކުލަބް އަތުން 3-2 ލަނޑުން ބަލިވެ، ނިއު ރޭޑިއަންޓާ ވާދަކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ.

ކުލަބް އީގަލްސްގެ ކޯޗް މޯހަން ބުނީ ފުރަތަމަ ބުރުގައި މާޒިޔާ އަތުން ބަލިވިނަމަވެސް، ދެވަނަ ބުރުގައި މާޒިޔާ ބަލިކުރެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މިއީ ލިބުނު ބޯނަސް ޕޮއިންޓެއްކަމަށް ޤަބޫލް ކުރާކަމަށްވެސް މޯހަން ބުންޏެވެ. މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަޖެހޭކަމަށާއި، މެޗުން މޮޅުވީވެސް ކުޅުންތެރިން ކުރި ހިތްވަރުގެ ސަބަބުންކަން މޯހަން ފާހަގަކުރިއެވެ. ފުރަތަމަ ބުރުގައި ޑިފެންސްގެ މައްސަލަތަކުން ލަނޑުތައް ވަތްނަމަވެސް، ލީގުގެ ދެވަނަ ބުރުގައި ޓީމްގެ ޑިފެންސްލައިން ބަލަހައްޓަމުންދާ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށްވެސް މޯހަން ބުންޏެވެ.

"ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ވަރަށް ހިތްހަމަޖެހޭ. ފުރަތަމަ ބުރުގައި ހެދުނު ގޯސްތައް ދެވަނަ ބުރުގައި ކުޅުންތެރިންވަނީ ވަރަށް ބޮޑުތަން ރަނގަޅުކޮށްފަ. މާޒިޔާ ފަދަ ވަރުގަދަ ޓީމެއް އަތުން ތިން ޕޮއިންޓް ލިބުމަކީ، ޓީމަށްވެސް އަދި ކުޅުންތެރިންނަށްވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ކުރިއަށް ހުރި މެޗުތަކަށް މިކަމުގެ ރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރާނެ." މޯހަން ބުންޏެވެ.

މާޒިޔާގެ ކޯޗް އިސްމާޢީލް މަހުފޫޒް ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭ ވަރުގެ ކުޅުމެއް ނޫންކަމަށާއި، ކުޅުންތެރިންގެ މިޒާޖު މިއަށްވުރެ ބޮޑަށް ރަނގަޅު ކުރަންޖެހޭކަމަށެވެ. އަދި ރޭގެ މެޗު މާޒިޔާއަށް ގެއްލުނީ ކުޅުންތެރިންގެ ސަބަބުންކަމަށްވެސް އިންމަ ބުންޏެވެ.

"ކުޅުންތެރިން އެބަޖެހޭ މިއަށްވުރެ ބޮޑަށް ފަރުވާތެރިވާން. މެޗުގައި ރަނގަޅު ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި. ކުޅުންތެރިންގެ ވިސްނުންވެސް އެބަޖެހޭ ބަދަލުވާން. ކޫސަނި ކަންތައްތައް ކުރުމަށް ވުރެ ބޮޑަށް މެޗަށް އިސްކަންދޭން އެބަޖެހޭ." އިންމަ ބުންޏެވެ