ކުޅިވަރު

ވިކްޓްރީއާއި ގްރީނުގެ ކުރިމަތިލުން ހަމަހަމަ


އެސްޓީއޯ މާލޭ ލީގްގައި ވިކްޓްރީ އާއި ގްރީން ސްޓްރީޓްއިންވެސް ޕޮއިންޓްއަކުން ފުއްދާލަން ޖެހިއްޖެއެވެ. ލީގްގައި ރޭ ވިކްޓްރީ ސްޕޯޓްސް ކުލަބްއާއި ކުލަބް ގްރީން ސްޓްރީޓް ވާދަކުރި މެޗް އެއްވަރުވީ 2 ލަނޑު 2 ލަނޑުންނެވެ.

މިމެޗުން 3 ޕޮއިންޓް ލިބުނުނަމަ، ވިކްޓްރީއަށް ތާވަލްގެ ހަތަރުވަނައަށް ޖެހިލެވުނީސްއެވެ. ދެ ޓީމްގެ ފަރާތުން ވަރަށް އަވަސްކުޅުމެއް ފެނިގެންދިޔަ މިމެޗްގެ 3ވަނަ މިނެޓްގައި ވިކްޓްރީއަށް ލީޑް ނަގާދިނީ ސްޕެއިންގެ މިޑްފީލްޑަރު އެންހެން މުނޯޒެވެ. މެޗްގެ 16ވަނަ މިމެޓްގައި ގްރީންގެ ނަސޫހު ރަޝީދުވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.

ގްރީންގެ މިލަނޑަށްފަހު މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނެގުމަށް ގްރީން ސްޓްރީޓްއަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ގްރީންގެ ރިލްވާން ފޮނުވާލި ބޯޅަވަނީ ވިކްޓްރީގެ ކީޕަރު މުހައްމަދު އިމްރާން ދިފާޢުކޮށްފައެވެ. މެޗްގައި ދެވަނަ ފަހަރަށް ވިކްޓްރީއަށް ލީޑް ހޯދައިދިނީވެސް އެންހެން މުނޯޒެވެ. މިލަނޑު މުނޯޒް ވިކްޓްރީއަށް ކާމިޔާބުކޮށްދިނީ އެޓީމްއަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފް ވިކްޓްރީއިން ލީޑްގައި އޮވެގެން ނިންމާލިނަމަވެސް މެޗްގެ ދެވަނަ ހާފްގައި ވިކްޓްރީއަށް ވުރެއް ރަގަނޅަށް ކުޅުނީ ގްރީން ސްޓްރީޓްއިންނެވެ. ގިނަ ހަމަލާތަށްވެސް އުފައްދާފައިވަނީ އެޓީމުންނެވެ. ފަހަތުންއަރާ ދެވަނަ ފަހަރަށް ގްރީންއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހާދިނީ ލިބުނު ޕެނަލްޓީއަކުން ބިދޭސީ ފޯވާޑް ރޮލޭންޑް ރަސެލްއެވެ. މިލަނޑަށް ފަހުވެސް ގްރީންއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ.

ދެ ޓީމްވެސް ޕޮއިންޓްއަކުން ފުއްދާލަން ޖެހުނު މެޗްއަށްފަހު ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭންބުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ރަގަނޅަށް ހިފުނުނަމަ، މިމެޗްއަކީ ތިން ޕޮއިންޓް ހޯދޭނެ މެޗްއެއްކަމަށެވެ. އަދި ވިކްޓްރީއަކީ އަބަދުވެސް ގްރީންއަށް ވާދަކުރަން ވަރަށް އުދަގޫ ޓީމްއެއްކަމަށްވެސް ސުޒޭން ބުންޏެވެ.

"މެޗްގެ ދެވަނަ ހާފްގައި ކުޅުނީ ގްރީންއިން. ގިނަ ހަމަލާތަކެއްވެސް އުފެއްދި. ގޯލްއަށް އެތެރެކޮށް ނުލެވުނީ. ގިނަ ފުރުސަތުތަކެއް ލިބި، ވިކްޓްރީގެ މައްޗަށް ކުރި ނުހޯދުނީ. ފަހަތުން އަރާ ދެ ފަހަރުވެސް އެއްވަރުކޮށް ޕޮއިންޓްއަކުން ފުއްދާތަލަން ޖެހުމުންވެސް މާ ބޮޑު މައްސަލައެއް ނެތް. ޕްރިމިއާރ ލީގްއާއި ދިމާލަށް ދަތުރުކުރާއިރު، މިޕޮއިންޓްއަކީވެސް ގްރީންއަށް ވަރަށް މުހިންމު ޕޮއިންޓްއެއް." ސުޒޭން ބުންޏެވެ.

ވިކްޓްރީގެ ކޯޗް ލާޒްލޯ ކިސްބުނީ މިހާތަނަށް މިލީގްގައި ވިކްޓްރީ ކުޅެފައި ހުރި މެޗްތަކުގެ ތެރެއިން ރެފްރީ އެއްވެސް އަތަކަށް ނުޖެހި، އިންސާފްއާއެކު ނިންމުންތަށް ނިންމި ހަމައެކަނި މެޗަކީ މިއީކަމަށެވެ. އަދި މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދުވެސް ވަރަށް ހިންހަމަޖެހޭކަމަށް ކިސް ފާހަގަކުރިއެވެ.

"މެޗްގައި ކުޅުންތެރިން ވަރަށް ރަގަނޅަށް މަސައްކަތް ކުރި. ފުރުސަތުވެސް ލިބުނު ގޯލް ނުޖެހުނީ. ބަލިނުވެ ޕޮއިންޓްއެއް ލިބުމުންވެސް ވަރަށް ހިންހަމެޖެހޭ. ގްރީންގެ ކުޅުންތެރިންވެސް ވަރަށް މަސައްކަތްކުރި، އަދި އެޓީމްގެ ގިނަ ހަމަލާތަށް ހުއްޓުވުމުގައި ވިކްޓްރީގެ ފަހަތަށް ކުޅުނު ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކޮށްލެވޭ." ކިސް ބުންޏެވެ.

16 ޕޮއިންޓްއާއެކު ތާވަލްގެ 5ވަނާގައި ވިކްޓްރީ މިވަގުތު އޮތްއިރު، ތާވަލްގެ 6ވަނާގައި ގްރީން އޮތީ 10 ޕޮއިންޓް ލިބިގެންނެވެ.