ޚަބަރު

މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން މިހާތަނަށް 314 ހާހަށްވުރެ ގިނަ ރުފިޔާ


ފިތުރު ޒަކާތް ބަލައިގަންނަން ފެށުމާއެކު ފުރަތަމަ ހަތަރުދުވަހު މާލެއިން އެކަނިވެސް ތިންސަތޭކަ ސާދަ ހާހަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.
ރަމަޟާން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖޭގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، މާލޭގައި ޒަކާތް ބަލައިގަންނަން އިސްލާމީ މަރުކަޒުގައި ޤާއިމުކޮށްފައިވާ މާލޭ ޒަކާތް ކަލެކްޝަން ސެންޓަރުން ފުރަތަމަ ހަތަރުދުވަހު ދުއިސައްތަ އަށްޑިހަ ހަހާސް ނުވަދިހަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުން ހަތަރު ދުވަހުގެ ތެރޭގައި ވިހި ހާސް ދުއިސައްތަ އެކާވީސް ރުފިޔާ ބަލައިގެންފައިވާއިރު، ހައުސިންގ މިނިސްޓްރީގެ ވިލިމާލެ ޔުނިޓަށް ވަނީ އަށްހާސް ބާވީސް ރުފިޔާ ބަލައިގެންފައެވެ.

ފިތުރު ޒަކާތް ދައްކަންޖެހޭ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރުއެވެ. ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު އާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްވާ ފައިސާއެވެ. މާލޭގައި ދިރިއުޅޭ ފަރާތްތަކުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 43ރުފިޔާ، ބާސްމަތީ ހަނޑުލުންނަމަ 81 ރުފިޔާއެވެ.

އަތޮޅުތަކުގައި ޒަކާތް ބަލައިގަންނަނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. ނަމަވެސް ގދ.ތިނަދުއާއި، ފުވައްމުލަކު ސިޓީއާއި، އައްޑޫ ސިޓީގައި ޒަކާތް ބަލައިގަންނަނީ އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލާގަތުމަށް ކަނޑައަޅާފައިވާ ތަންތަނުންނެވެ. ފިތުރު ޒަކާތް ބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު ދިހަގަޑި ތިރީހުން މެންދުރު އެކެއް ޖެހުމާއި ހަމައަށެވެ.

ދިރާގާއި އުރީދޫއިން އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އުރީދޫ ކަސްޓަމަރުން *909# ޖެހުމުން ޒަކާތް ދައްކަންޖެހޭ ގޮތުގެ މަޢުލޫމާތު ލިބޭނެއެވެ. އަދި ދިރާގު ކަސްޓަމަރުން *123*8*1# ޖެހުމުން ޒަކާތް ދައްކަންޖެހޭގޮތުގެ ތަފްސީލް ލިބޭނެއެވެ. މީގެއިތުރުން އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސްގެ އެޕްލިކޭޝަން މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްވެސްވަނީ ހަމަޖައްސާފައެވެ. ޒަކާތް ދެއްކޭ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 13ވަނަ ދުވަހެވެ.