ދިވެހި ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން ލ. މާވަށުގައި ހަދާފައިވާ ޒަމާނީ ކުނި ކޮށި ރޯދަ މަސް ނިމުމުން ބޭނުންކުރަން ފަށާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކުނި ނައްތާލުމުގެ މައްސަލައަށް އެދެވޭ ހެޔޮ ބަދަލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ރަށްތަކެއްގައި މިހާރު ވަނީ ޒަމާނީ ފެންވަރަށް ކުނި ނައްތާލާ މެޝިނަރީސްތައް ޤާއިމުކޮށްފައެވެ. އެއާއެކު މީގެ ކުރިން އަންދައިގެންނާއި ވަޅުލައިގެން ނައްތާލަމުން އައި ކުނި އެންމެ އެދެވޭ ގޮތުގައި ރައްކާތެރިކަމާއެކު ނައްތާލެވޭނެ އިންތިޒާމްތައް ވަނީ ފަހިވެފައެވެ.
މާވަށަކީ ނިސްބަތުން ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއް ނަމަވެސް، މި ރަށަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ކުނި އުފެދޭ ރަށެކެވެ. އެގޮތުން ދަނގަޑާއި ތަށިމުށި ފަދަ ގިނަ ދުވަހުން ހަލާކުވާ ޒާތުގެ ތަކެތި މިހާރުވެސް ކުނި ގޮނޑު ސަރަޙައްދުގައި ގިނަ އަދަދަކަށް ޖަމާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މާވަށު ކައުންސިލްގެ ނައިބު ރައީސް އިބްރާޙިމް އަބޫބަކުރު ވިދާޅުވީ، އެރަށުގައި ކުނި ނައްތާލުމަށް އެދެވޭ ހެޔޮ ބަދަލެއް ހޯދުމަށް ކުރީގެ ސަރުކާރުތަކުގައި އެކި ފަހަރު މަތިން އެދުނު ނަމަވެސް އެކަމަށް އިޖާބަ ދީފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން މިކަން ބަލައިގަނެ އެކަށީގެންވާ ހައްލެއް މިއަދު ހޯދައި ދީފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަބޫބަކުރު ވިދާޅުވީ މި ރޯދަމަސް ނިމުމުން މި ކުނިކޮށީގެ ބޭނުން ކުރަން ފަށާނެކަމަށެވެ.
މާވަށުގައި މިހާރު ކުނި ނައްތާލަނީ އަންދައިގެން ކަމުން އެރަށުގެ ރައްޔިތުންނަށް އެކި މޫސުންތަކުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށް ރައްޔިތުން ވަނީ ބުނެފައެވެ. އެގޮތުން ދުމުގެ ސަބަބުން ރަށު ތެރެއަށް ނުސާފު ވައި ޖެހުމާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ނޭވާލުމަށް އުނދަގޫވާކަމަށް އެރަށުގެ ބައެއް ފަރާތްތަކުން ބުނެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ޤާއިމް ކުރެވުނު މި ކުނިކޮށްޓާއެކު ރަށުގެ ރައްޔިތުން މީގެ ކުރިން ތަހަންމަލު ކުރަމުންއައި ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ.
މާވަށުގައި ޤާއިމްކޮށްފައިވާ ޒަމާނީ ކުނި ކޮށްޓަކީ ތިން މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އެތަނުގައި ދަނގަޑާއި ގިނަ ދުވަހުން ހަލާކުވާ ޒާތުގެ ކުުންޏާއި ކާބޯތަކެތިން ހެދޭ ކުންޏާއި ލަކުޑި ނައްތާލެވޭ ވަރުގެ މެޝިނަރީޒް ޤާއިމްކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.