ޚަބަރު

"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމަށް ޒުވާނުންގެ ބޮޑު ތަރުހީބެއް


އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމަށް ޒުވާނުންގެ ބޮޑު ތަރުހީބެއްލިބިއްޖެއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮގްރާމްގައި ބައިވެރިވެ ފޯމާއި ލިޔުންތައް ހުށައެޅުމަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ ހުރަވީ ބިލްޑިންގއަށް ޖަމާވެފައެއެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވީ، މި ޕްރޮގްރާމް ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި، މި ޕްރޮގްރާމް މެދުވެރިކޮށް ލައިސަން ހޯދަން ބޭނުންވާ ހުރިހާ އެއްންމެނަށްވެސް އުސޫލުތަކާއި އެއްގޮތަށް ލައިސަން ލިބުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މިޕރޮގްރާމަށް ލިބެމުންދާ ތަރުހީބާއެކު ޕްރޮގްރާމް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ބައިވެރިންގެ ފަރާތުން ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމް މިހާރު ފަށާފައިވާއިރު، މިމަހުގެ 26 އާއި އިތުރުން، 28 ވާ ހޯމަ ދުވަހުގެ ރޭވެސް މި ޕްރޮގްރާމް މާލޭގައި ކުރިއަށްގެންދާނެއެވެ.
ޕްރޮގްރާމާއި ގުޅޭގޮތުން ޓްރާންޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު ބުނީ، ބައެއް ފަރާތްތަކުން ޕްރޮގްރާމާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ފެތުރިމަވެސް "އެއްލަކިން މަށަށް ލައިސަންސް" މި ޕްރޮގްރާމްވެސް ކުރިޔަށްދާނީ ކުރިންވެސް ލައިސެންސް ދޫކުރުމުގައި ހަދަންޖެހޭ ތިއަރީ އާއި ޕްރެކްޓިކަލް ޓެސްޓާއި އެކުކަމަށާއި، ޤާނޫނާއި، ޤަވާއިދުތަކުގައިވާ ގޮތަށް މިޕްރޮގްރާމް ކުރިއަށްގެންދާނީ ޚާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުންކަމަށެވެ. އަދި ޤަވާއިދާއި ޚިލާފަށް މި ޕްރޮގްރާމްގެ ދަށުން އެއްވެސް މީހަކަށް ލައިސަން ނުދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ސައިކަލް ލައިސަންސްގެ އިތުރުން ކާރާއި، ޕިކަޕް ލައިސަންސްވެސް ލިބޭނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ލައިސަންސް ޙަވާލުކުރުން އޮންނާނީ ކޮންމެ ރެއެއްގެ ރޭގަނޑު 12 ޖަހާއިރު އޮންނަ ރަސްމިއްޔާތެއްގައި ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ. އަދި މި ޕްރިގްރާމުގައި ބައިވެރިވެ ފެއިލްވާ މީހުންނަށް، އަލުން އެމީހަކު ބޭނުންވާ ވަރަކަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ޖޫރިމަނާ ފައިސާ ދައްކަން ޖެހިފައިވާ ޒުވާނުންނަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ދަށުން އެ މިނިސްޓްރީން ވަނީ ފަހިކޮށްދީފައެވެ.

އެގޮތުން ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވެފައިވާ ޒުވާނުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ އެއް އަހަރުދުވަހުގެ ތެރޭގައި މުޅިއަހަރަށް ބަހާލައިގެން ދައްކާގޮތަށް ޙާއްސަ އެއްބަސްވުމެއް އެ މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ. އަދި މިގޮތަށް އެއްބަސްވާ ޒުވާނުންނަށް ހޯމަ ދުވަހުގެރޭ އޮންނަ "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމުގައި ލައިންސަންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމް ފުރަތަމަ މާލޭ ސިޓީގައި ފެށިޔަސް، ކުރިއަށް އޮތްތާނގައި، ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.