ޚަބަރު

މުރަކަ އާލާކުރުމަށް ތައިލެންޑުގެ މާޔާ ބޭ ބަންދުކުރަނީ


އަހަރެއްގެ މައްޗަށް އެތައް މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ ތައިލެންޑުގެ މާޔާ ބޭ ރިސޯޓް ބަންދުކުރަން ނިންމައިފިއެވެ.

މާޔާ ބޭ މި މަހުގެ ތެރޭގައި ބަންދުކުރަން ނިންމީ އެރަށުގެ ފަޅު ތެރޭގައި މުރަކަ އާލާކުރުމުގެ ބޮޑު މަޝްރޫއެއް ހިންގުމަށެވެ.

ތިމާވެށީގެ ގިނަ ދިރާސާތަކެއް ކުރަމުން އަންނަ ތައިލެންޑުގެ ޕްރޮފެސަރ ޑރ. ތޮން ތަމްރޮންގްނަވަސަވަތު ވިދާޅުވީ، ޔޫންގް އައިލެންޑް ބަންދުކުރަންޖެހުނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެކި ބޭނުންތަކުގައި އެރަށަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި ތައިލެންޑުގެ އާންމުން އެއްވެސް ބެލުމެއްނެތި މުރަކަތަކަށް ގެއްލުންދީފައިވާތީ ކަމަށެވެ. އަދި އެތަނުގެ ފަރު މައްޗަށް ފެރީއާއި ލޯންޗު ފަހަރު އެއްވެސް ބެލުމެއް ނެތި އެރުމުގެ ސަބަބުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ފަރަށް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާާޅުވިއެވެ.

ޑރ. ތޮން ވިދާޅުވީ، ތައިލެންޑުގެ ގިނަ ރިސޯޓުތަކެއްގެ މޫދު ބަލާލުމަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފަތުރުވެރިން އަންނައިރު، އެތަންތަން ހުންނަނީ ތަޣައްޔަރުވެފައި ކަަމަށެވެ. އެހެން ކަމުން އެތަންތަން ރީތިކޮށް ބެހެއްޓުމަށް، މުރަކަ އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަންނަށް ހެޔޮ. އަހަރެން ނުވިސްނަން ކިތަންމެ ފައިސާއެެއް މިގޮތަށް ވަންޏާ ގެއްލުނަސް. އަހަރެން ކަންބޮޑުވޭ މުރަކަތައް ހަލާކުވަމުންދާތީ. އަހަރުމެން އެބަޖެހޭ އަންނަން އޮތް ޖީލުތަކަށް ތިމާވެށި ހިމާޔަތްކޮށްދޭން. އެމީހުންނަށް ކަންތައްތަކެއް ދަސްކޮށްދޭނެ. ބޭނުންވަނީ ފައިސާއެއް އެކަންޏެއް ނޫން. އެކަމަކު ފައިސާއެކޭ އެއްގޮތައް އަންނަން އޮތް ޖީލައް ރަނގަޅު ވެއްޓެއްވެސް ހޯދައިދޭންޖެހޭ،" ޑރ. ތޮން ވިދާޅުވިއެވެ.

މާޔާ ބޭއަކީ ދުވާލެއްގެ މައްޗަށް އެކި ޤައުމުތަކުން ހަތަރު ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށެކެވެ. މިރަށުގެ ރީތިކަން ދެކިލުމަށް ރާއްޖެއިންވެސް ގިނަ ބަޔަކުވެސް ކޮންމެ އަހަރަކު އެރަށަށް ގޮސްއުޅޭކަން ފާހަގަކޮށްލެވެއެވެ.

މާޔާ ބޭގެ އިތުރުން ފަތުރުވެރިން ފީނުމަށާއި ސްކޫބާ ޑައިވިންްގްއަށް ގޮސް އުޅޭ ތައިލެންޑުގެ ޔޫންގް އައިލެންޑުވެސް ވަނީ މުރަކަ އާލާ ކުރުމަށްޓަކައި މީގެ ދެ އަހަރު ކުރިން ބަންދުކޮށްފައެވެ. އަދި އެތަނުގައި މިހާރު އަންނަނީ މުރަކާ އާލާ ވަމުންނެވެ.