ޚަބަރު

އެމްއެމްއައި އާއި ލިމްކޮކްވިންގ ގުޅިގެން މީޑިޔާއާއި ގުޅުންހުރި ދާއިރާތަކުން ޑިޕްލޮމާ ކޯސްތަކެއް ފަށަނީ


މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އާއި މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވާސިޓީ ގުޅިގެން މީޑިޔާގެ ދާއިރާއާ ގުޅުންހުރި ދާއިރާތަކުން ޑިޕްލޮމާ ފެންވަރުގެ ހަތަރު ކޯހެއް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ފުލުހުންނަށް ހިންގި މީޑިއާ ކޯހުގެ ދަސްވެނިވުމުގެ ޙަފްލާގައެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޚަލީލް ވިދާޅުވިދާޅުވީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އާއި މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވާސިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަސްތެރޭގައި ކަމަށެވެ.

ޚަލީލް ވިދާޅުވީ، ރާއްޖެ ބަދަލުވަމުން ކުރިއަރަމުން އަންނައިރު އެބަދަލުތަކާ އެއްވަރަށް މީޑިއާގެ ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި މިހާތަނަށް ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން މި ބަދަލުތަކާ އެއްވަރަށް މީހުން ބިނާކުރުމަށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އެމްއެމްއައި އިން އިންތިޒާމްކުރާ ތަފާތު ކޯސްތައް ވެގެންދާނީ ރާއްޖޭގައި މިދާއިރާއިން ކިޔަވައިދެވޭނެ އެންމެ މަތީ ފަންތީގެ ކޯސްތަކަށް ކަމަށާއި އެފުރުޞަތު މީޑީއާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ޕީއެސްއެމުން އަމާޒު ހިފާފައިވަނީ ރާއްޖޭގައި މީޑިއާގެ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުން އަދި ޕީއެސްއެމްގައި މަސައްކަތްކުރާ މީހުން ބިނާކުރުމުގެ މަސައްކަތް ކުރުމަށް. ރާއްޖޭގެ މީޑިއާގައި ރާއްޖެއަށް މިއަންނަ ތަރައްޤީއާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރާނެ މީހުން ލިބިގެންނޭ ރަނގަޅު މީޑިއާއެއްގެ ބޭނުމަކަށްވާނީ. އަޅުގަނޑުމެން މިއަންނަނީ ޕީއެސްއެމްގެ ގަވަނިންގ ބޯޑުން މިދާއިރާއިން ތަފާތު ކޯސްތައް ހިންގަމުން އަދި ހިންގުމަށް އެކި ޕްލޭންތައް ހަދަމުން. މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުން އަދި އެމްއެމްއައި އިން ތަފާތު ކޯސްތައް އެކި ފަރާތްތަކަށް ފޯރުކޮށްދެމުން. ކުރިއަށް އޮތް ތަނުގައި އެފަރާތްތައްވެސް މިތަންތަނާ ގުޅޭނެ،" އިބްރާޙިމް ޚަލީލް ވިދާޅުވިއެވެ.

އެމްއެމްއައި އިން އަންނަނީ އަންނަ ޖޫން މަހުގެ ތެރޭގައި ޓިވެޓް ޕްރޮގްރާމްތަކެއްވެސް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ޕްރޮގްރާމްތަކަކީ ހަ މަސްދުވަހާ އެއް އަހަރު ދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުތަކެއްކަމަށް އެމްއެމްއައި އިން މަޢުލޫމާތުދެއެވެ.