ޚަބަރު

ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އަޅާލުމުގައި މިސަރުކާރަކީ ޗެމްޕިއަނެއް - ހެލްތް މިނިސްޓަރ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ވަނީ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އަޅާލުމުގައި ޗެންޕިއަންކަން ހޯދާފައިކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހޮލިޑޭއިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްއިން މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އަލަށް ފަށާ މަޝްރޫޢުތަކުގެ އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ސަރުކާރާ ހަވާލުވެވަޑައިގެން މިވީ މުއްދަތުގެ ތެރޭގައި ޤައުމުގެ ކުރިއެރުމަށް ކުރެއްވި ހަމައެކަނި މަސައްކަތަކީ ފަންސަވީސް ބުރީގެ ހޮސްޕިޓަލާއި ބްރިޖްފަދަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުން ނޫންކަމަށެއެވެ.

ސިއްޙީ، ތަޢުލީމީ، އިޖުތިމާޢީ ދާއިރާތަކުން ޤައުމަށް ތަރައްޤީގާއި ކުރިއެރުން ގެނައުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އަޅާލައި އެމީހުން ބާރުވެރިކރުވުމަށް ސަރުކާރުން ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ފާހަގަކުރުން ވަރަށްމުހިންމު ނަމޫނާ މަސައްކަތްތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ތާރީޚުގައި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް އެންމެ ބޮޑަށް އަޅާލެވުނު ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރޭ ދެންނެވުން އެއީ އަޅުގަނޑުމެންނަށް ފެންނަށް ހުރި މަންޒްރުތަކާއި، ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރު، ކުށަކަށް ނުވާާނެކަން ޔަޤީން. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމާއި، ޚާއްސަކޮށް ގުރައިދޫ މަރުކަޒު ރައީސް ވެރިކަމާއި ހަވާލުވެވަޑައިގެން އިރު އޮތް ހާލަތު ބެލި ބަޔަކަށް މިއަދު އެތަނަށް އައިސްއޮތް ކުރިއެރުމުންވެސް އެނގިގެންދާނެ. އަޅުގަނޑު ދަންނަވަން އޮތީ ރައީސް ޔާމީންގެ ސަރުކާރަކީ، ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އަޅާލުމުގައި ޗެންޕިއަންކަން ހޯދާފައިވާ ސަރުކާރެކޭ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ބަޔަކުމާލެ އަތޮޅު ގުރައިދޫގައި ހުންނަ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުން ގެންދާއިރު، މިމަރުކަޒުގެ ހާލަތު މީގެކުރިން އެކަށީގެންވާވަރަށްވުރެ ދަށްކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިންވެސް ވަނީ ވާފަހަގަކޮށްފައެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސަރުކާރާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްޕުޅުން އެކަންކަން ހައްލުކުރައްވާފައިވާކަން ހެލްތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހު ގުރައިދޫގައި ހުންނަ މަރުކަޒުގެ އެކި އެކި ކަންކަން ފުރިހަމަކުރުމަށް ދައުލަތުގެ ބަޖެޓުން ބާރަ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.