ޚަބަރު

ލޮލަށް ހަނދު ފެނުމާއެކު ހަނދު ފެނުނުކަން ކަށަވަރުކުރަންޖެހޭ - ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ


ރަމަޟާން މަހުގެ ހަނދު ސާބިތު ކުރާއިރު ލޮލަށް ހަނދު ފެނުމާއެކު ހަނދު ފެނުނުކަން ކަށަވަރުކުރަންވެސް ޖެހޭނެކަމަށް ޑރ.އިބްރާޙީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ. މިގޮތުން ހަނދު ސާބިތުކުމުގައި މިޒާމާނުގައި ލިބެންހުރި އެންމެ ރަނގަޅު ވަޞީލަތްތަކުގެ ބޭނުން ހިފަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމުތަކުގެ ތެރެއިން މިއަހަރުގެ 5 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކައްކަވަމުންނެވެ. "ދީނީ ގޮތުން ސައްޙަ އަދި ތެދު މަޢުލޫމާތު ހޯދުމުގެ މުހިއްމުކަން" މި މަޢުޟޫއަށް ދަރުސްދެއްވަމުން ޑރ.އިބްރާޙީމް ޒަކަރިއްޔާ މޫސާ ވަނީ ފަލަކީ ގޮތުން ހަނދުބެލުމަކީ ސައްޙަކަމެއް ނޫންކަމަށް ބުނެ ވާހަކަ ދައްކަމުންދާ ފަރާތްތަކުން އުފައްދާ ޙުއްޖަތްތަކާމެދު ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން ހަނދު ފެނިއްޖެކަން ކަށަވަރުކުރަންޖެހޭނެކަން ފާހަގަކޮށް އޭނާ ވަނީ ކީރިތި ރަސޫލާ މުޙައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ދަލީލު ދައްކަވާފައެވެ.

މި މަޢުޟޫއަށް ވާހަކަދައްކަވަމުން އޭނާވަނީ ޞައްޙަ ނޫން މަޢުލޫމާތުތައް ނުފެތުރުމަށް އިލްތިމާސްކޮށް އެފަދަ ސައްޙަ ނޫން މަޢުލޫމާތުތަކުގެ ސަބަބުން މުޖުތަމައުއަށް ނޭދެވޭ އަސަރުތައް ކުރާކަން ފާޙަގަކުރައްވާފައެވެ. އަދި ދުނިޔެ ކިތަންމެ ވަރަކަށް ބަދަލުވެގެން ދިޔަނަމަވެސް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ރުކުންތައް އަދި ދީނުގެ އެހެނިހެން ކަންތައްތައް ދުވަހަކުވެސް ބަދަލުވެގެން ނުދާނެކަން ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައިވެސްވަނީ ފޯރަމްގައި ބައިވެރިވި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ރިޔާޟުއްޞާލިޙީން އަދި ފިޤްހުއްސުންނަ މި ދެ ފޮތް ހަދިޔާކޮށްފައެވެ. މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއިން ރަމަޟާންމަހަށް ތައްޔާރުކުރި މަދަހަ ސީޑީއެއް ވަނީ ނެރެފައެވެ. މި މަދަހަ ސީޑި ނެރެދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން އެވެ.