ޚަބަރު

ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


35 ވަނަ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ބަހުގެ އެކަޑަމީން ހުޅުވާލައިފިއެވެ.
މުޙައްމަދު ޖަމީލް ދީދީ ގެ ވާދައިގެ ތައްޓަށް ބާއްވާ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ ޖުލައި މަހުގެ އެއްތިރީސް ވަނަ ދުވަހުގެ ނިޔަލަށެވެ.
ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް 7 އުމުރު ފުރައަކަށް ހުޅުވާލާފައިވާއިރު، މިއިން ކޮންމެ އުމުރު ފުރައަކަށް ވަކި ދާއިރާތަކެއް ދިވެހި ބަހުގެ އެކަޑެމީން ވަނީ ކަނޑައަޅާފައެވެ. މި މުބާރާތުގައި 13 އަހަރުން ދަށުގެ އުމުރުފުރައާއި، 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރައާއި، 16 އަހަރާއި 21 އަހަރާއި ދެމެދުގެެ އުމުރު ފުރާގެ އިތުރުން، 18 އަހަރުން ދަށުގެ އުމުރުފުރައާއި 18 އަހަރުން މަތީގެ އުމުރުފުރާ ހިމެނެއެވެ.
މީގެ އިތުރުން މަތީ ތަޢުލީމުގެ ބަޔާއި، އޮފީސް، ކްލަބް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައިގައިވެސް ލިޔުންތެރިންނަށް ވާދަކުރުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން ވަނީ ހުޅުވާލާފައެވެ.

އެކި އުމުރުފުރާތަކަށް ކަނޑައަޅަފައިވާ ދާއިރާތަކުގެ އިތުރުން މި މުބާރާތާއި ބެހޭ މަޢުލޫމާތާއި ބައިވެރިވާން އެދޭ ފޯމު ދިވެހި ބަހުގެ އެކަޑެމީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މިދޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މި މުބާރާތުގައި އަތުން ލިޔެގެން ނުވަތަ ކޮމްޕިއުޓަރުން ޓައިޕްކޮށްގެން މަޒުމޫނު ހުށަހެޅެއެވެ .ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިކުރާ ލިޔުންތައް ދިވެހި ބަހުގެ އެކެޑަމީގެ ކައުންޓަރު ގެ އިތުރުން އޮންލައިން މެދުވެރިކޮށްވެސް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެއެވެ. ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތަކީ ދިވެހިން ގެ މެދުގައި ދިވެހި ބަހާއި ޢަދަބިއްޔާތަށް ލޯބި ޖެއްސުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މުބާރާތެކެވެ.