ޚަބަރު

އެސްޓީއޯއިން ތިނަދޫގައި ޕެޓްރޯލާއި ޑީސަލްގެ ޚިދުމަތް ދޭން ފަށައިފި


އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގދ. ތިނަދޫގައި ފިއުލް ޝެޑެއް ހުޅުވައި، ޕެޓްރޯލާއި ޑީސަލްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ތިނަދޫގައި ރޭ ބޭއްވި ޙަފްލާއެއްގައި ފިއުލް ޝެޑް ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ދީދީ ވިދާޅުވީ، އެސްޓީއޯއިން ތިނަދޫގައި ދޭންފެށި ތެލުގެ ޚިދުމަތަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ރައްޔިތުން ވަރަށް އުފަލާއެކު ބަލައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޙުސައިން ދީދީ ވިދާޅުވީ، އެސްޓީއޯއަކީ ފެންވަރު ރަނގަޅު ތެޔޮ އަބަދުވެސް ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމަށާއި އެހެން ކަމުން ހުވަދު އަތޮޅުގެ ރައްޔިތުންނަށްވެސް ފެންވަރު ރަނގަޅު ތެޔޮ ފޯރުކޮށްދިނުމަކީ އެސްޓީއޯ އާއި އެފްއެސްއެމްގެ އަމާޒެއް ކަމަށެވެ.

"އެސްޓީއޯއިން މިހާރުވެސް ގދ. ގއ. އަތޮޅަށް ބަރާބަރަށް ތެޔޮ ފޯރުކޮށްދެމުން މިދަނީ. އަށްޑިހަ ޕަސެންޓް މި ދެ އަތޮޅަށް ތެޔޮ ފޯރުކޮށްދެވޭ. އޭގެ ތެރޭގައި ރިސޯޓުތައްވެސް ހިމެނޭ. އެހެންވީމަ އެސްޓީއޯގެ ތެޔޮ ބާޖެއް އެހިސާބުގައި ނޯންނަ އިރެއް ނުދާނެ. އަދި ތެޔޮ ހުސްވެގެން ރީ-ފިލް ނުކުރެވިގެން އުޅޭކަށްވެސް ނުޖެހޭނެ. މިކަމަކީ ހުވަދު އަތޮޅަށް ވަރަށް ބޭނުންވެފައިވާ މުހިންމު އަސާސެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަކުރަނީ." އެފްއެސްއެމްގެ އެމްޑީ ޙުސައިން ދީދީ ވިދާޅުވިއެވެ.

ތިނަދޫގައި ހުޅުވި ޝެޑުގައި ދެލައްކަ ހަތްދިހަ ހަތަރު ހާސް ފަސް ސަތޭކަ (274،500) ލީޓަރުގެ ޑީސަލާއި ސަތާރަހާސް ފަސް ސަތޭކަ (17،500) ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭއިރު، އެ ޝެޑްގައި ތިން ޕެޓްރޯލް ޑިސްޕެންސަރާއި އެއް ޑީސަލް ޑިސްޕެންސަރު ހުރެއެވެ.

ތިނަދޫގައި ހުޅުވި ފިއުލް ޝެޑުގެ އިތުރުން އެފްއެސްއެމް އިން އަންނަނީ މާލޭގެ ތިން ސަރަހައްދެއްގައާއި ހުޅުމާލެ، އައްޑޫ އަދި ފުވައްމުލަކުގައިވެސް ޕެޓްރޯލާއި ޑީސަލްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.