ހެންވޭރު ޕާކުސައިޑު ގޭގައި ހިންގަމުން އަންނަ ޝެލްބީންސް ބަދިގޭގައި ގޭސް ހޮޅިއެއް ގޮވައި 3 މީހަކަށް އެކިވަރުގެ އަނިޔާވެ އެކަކުގެ ޙާލު ސީރިޔަސް ވެއްޖެއެވެ.
އެމްއެންޑީއެފުން މަޢުލޫމާތުދޭގޮތުގައި މިހާދިސާގައި ޒަހަމްވި ދިވެއްސަކާއި ދެ ބިދޭސީއަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު އިތުރު، ޒަހަމްވި ބިދޭސީއެއްގެ ހަށިގަނޑުގެ %30 ވަނީ ފިހިފައެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅިއެއް ގޮވުމުގެ ސަބަބުން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން މަންޒަރު ދުށް މީހަކުބުނީ މިޙާދިސާގައި ގޭސްހޮޅި ގޮވިވަގުތު އިވުނު ބާރު އަޑުގެ ސަބަބުން އަންހެނަކަށް ކުއްލި ޝޮކެއް ލިބިފައިވާ ކަމަށެވެ.
މިއަދު ހެނދުނު 6:15 ހާއިރު ހިނގި މިހާދިސާގައި ޝެލްބީންސް ބަދިގޭގެ ވަށައިގެން ޖަހާފައި ހުރި ދޮރުތަކާއި ބިއްލޫރިތައް ވަނީ ތަޅައިގެންގޮސް ކައިރީގައި ހުރި ގެތަކަށްވެސް ބުރާފައެވެ. އަދި ވިއްސައިގެން ދިޔަ ބިއްލޫރިން ޖެހި އެތަނާ ކައިރީގައި ހުރި ގެއެއްގައި ނިދާފައި އޮތް މީހަކަށްވެސްވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. މީގެ އިތުރުން ބަދިގޭގެ މަތީ ބައިގައި ހުރި ބިއްލޫރިތައް ވިއްސައިގެން ދިއުމާއެކު އެ ސަރަހައްދުގައި ހުރި އެހެން ގެތަކަށްވެސްވަނީ ގެއްލުން ލިބިފައެވެ.
ޝެލްބީންސް ބަދިގެ ބޭނުންކުރަނީ ދެ ފަންގިފިލާގައެވެ. އެގޮތުން ފުރަތަމަ ފަންގި ފިލާގައި ކައްކާ އުނދުނާއި އަވަން ފަދަ ތަކެތި ހުންނައިރު، އެންމެ ތިރީގައި ހުންނަނީ ކެއްކުމަށް ބޭނުންކުރާ ތަފާތު ސާމާނު ރައްކާ ކޮށްފައެވެ.
ޝެލްބީންސް ބަދިގެ ހިންގަމުން އަންނަ ހެންވޭރު ޕާކު ސައިޑު ގޭގައި ދިރިއުޅޭ ފަރާތަކުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނީ، ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވުނު ކަމަށާއި އެވަގުތު ބޭރު ބަލާލިއިރު މަގުމަތީގައި ހުރީ ހުސް ބިއްލޫރި ކަމަށެވެ. އަދި ދެ މީހަކަށް އަނިޔާވެގެން މަގުމަތީގައި ދުވެފައި ދާތަން ފެނުނުކަމަށްވެސް އޭނާ ބުންޏެވެ.
އެމީހާ ބުންޏެވެ.
ޝެލްބީންސް ބަދިގޭގައި އެއްޗެއް ގޮވި އިރު، އެއްވެސް ވަރަކަށް އަލިފާން ރޯވިކަމުގެ އިޝާރާތެއް ފެންނާކަށް ނެތެވެ. ނަމަވެސް ބާރުގަދަ ގޮވުމާއެކު އެ ސަރަޙައްދުގެ ގެތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މި ހާދިސާ ހިނގުމާއެކު އެސަރަޙައްދުގައި ފުލުހުންނާއި ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ފަތިހު ހާދިސާއެއް ހިނގައިގެން އުޅޭ މައުލޫމާތު ލިބުމާއެކު އެ ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެކަން ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.