ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވި ޒުވާނާއަށް ފަރުވާ ދިނުމުގައި ހުޅުމާލޭ ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އާސަންދަ ކުންފުނިން ދޮގުކޮށްފިއެވެ.
ރޭގެ އެކްސިޑެންޓުގައި ނިޔާވި ޒުވާނާއަށް ފަރުވާ ދިނުމުގައި ހުޅުމާލެ ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން އާސަންދަ ކުންފުނިންގ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޒުވާނާ ހޮސްޕިޓަލަށް ގެނައި ވަގުތުން ފެށިގެން ހޮސްޕިޓަލުން ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހޮސްޕިޓަލުގެ ފަރާތުން އާއިލާއަށް ފޯރުކޮށްދޭންޖެހޭ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދޭނެ ކަމަށާ، މި ދަނޑިވަޅަކީ އެ އާއިލާއަށް ނުހަނު ހިތްދަތި ހިތާމަވެރި ވަގުތަކަށް ވީހިނދު މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ އާއިލާއަށް އިތުރު ހިތްދަތިކަމެއް ލިބޭނެ ކަމަކަށްވީހިނދު އެކަން ނުކުރުމަށް އެދޭ ކަމަށްވެސް އާސަންދައިން ނެރުނު ބަޔާނުގައި ބުނެފައިވެެއެވެ.
މީގެ އިތުރުން މިކަމުގައި އާންމުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ނަފްރަތު އުފެދޭނެހެން ޙަޤީގަތާއި ޚިލާފް ވާހަކަތައް ސޯޝަލް މީޑިއާއާއި އެނޫންވެސް ޕްލެޓްފޯމްތަކުގައި ނުފެތުރުމަށްވެސް އާސަންދަ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އާސަންދަ ކުންފުނިން ބުނީ މިފަދަ އިމަޖެންސީ ހާލަތްތަކުގައި އައިޑީކާޑު ހޯދަނީ އާއިލާއާ ގުޅުމަށް މަސައްކަތް ކުރުމަށާއި ބަލިމީހާގެ އުމުރާއި ސިއްޙީ ރެކޯޑުތަކުގެ މަޢުލޫމާތު ހޯދުމަށް ކަމަށެވެ. ނަމަވެސް ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ އެއްވެސް ތަނަކުން އެމަޖެންސީކޮށް ފަރުވާދޭންޖެހޭ އެއްވެސް ބަލިމީހަކަށް އައިޑީކާޑު ނެތިގެން ފަރުވާ ދިނުމުގައި ލަސްކޮށްފައި ނުވާނެކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ.