ކުޅިވަރު

ފީފާ ވަރލްޑްކަޕް: ސްޕެއިން - އިރާން


ސްޕެއިނާއި ވާދަކުރާ މެޗަކީ ވަރލްޑް ކަޕްގެ ތާރީޚުގައި އިރާން ކުޅޭނެ އެންމެ މުހިންމު މެޗުކަމަށް ކޯޗު ކާލޯސް ކުއިރޯޒް ބުނެފިއެވެ.

ވަރލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ސްޕެއިނާއި ދެކޮޅަށް މިރޭ ނިކުންނައިރު ކޯޗު ކާލޯސް ކުއިރޯޒް ބުނީ ކުޅުންތެރިންގެ އަގާއި، މަޝްހޫރު ކަމާއި ހުނަރަށް ބެލިޔަސް ދެ ޓީމް އަޅާ ނުކިޔޭނެކަމަށެވެ. އެހެންނަމަވެސް ކޮންމެ މެޗަކުންވެސް މޮޅުވާނީ 90 މިނެޓު ދަނޑު މަތީގައި ބުރަކޮށް މަސައްކަތްކުރާ ޓީމްކަމަށާއި، މާ މޮޅު ކުޅުންތެރިން ތިއްބަސް އެކަން ހާސިލް ނުވާނެކަމަށެވެ. މޮރޮކޯ އަތުން އިރާން މޮޅުވުމުން މީހުން ފާޑުކިޔަސް އިރާން މޮޅުވީ ކުރި މަސައްކަތުގެ ސަބަބުންކަމަށް އޭނާ ބުންޏެވެ. ކުއިރޯޒް ބުނީ އަދި ބަޔަކު ބުނާހާ ހުރިހާ އެއްޗަކީ ތެދަކަށް ނުވާނެކަމަށާއި، ސްޕެއިންއާއި ދެކޮޅަށް ނިކުންނައިރު އިރާނަށް ފުރަތަމަ މެޗުން ތިން ޕޮއިންޓް ލިބިފައިވުމަކީ ސްޕެއިންއަށް އޮތް ޕްރެޝަރެއްކަމަށް ޤަބޫލުކުރާކަމަށެވެ.

ސްޕެއިންގެ ކޯޗު ފެނާންޑޯ ހިއޭރޯ ބުނީ އިރާނަކީ މޮޅަށް ޑިފެންސް ކުރަން އިނގޭ ޓީމެއްކަމަށާއި، މިދިޔަ ވަރލްޑްކަޕްގައިވެސް އެތަން ފެނުނުކަމަށެވެ. މިފަހަރު އެޓީމުގެ ވަކި ވަކި ކުޅުންތެރިންގެ ހުނަރުވެސް ތަފާތުކަމަށާއި، މެޗުގެ ފަހު ވިހި މިނެޓުގެ ކުރިން ގޯލެއް ނުޖަހައިފިނަމަ ސްޕެއިނަށް އުނދަގޫތަކެއް ކުރިމަތިވެދާނެކަމަށް ކޯޗު ބުންޏެވެ. ހިއޭރޯ ބުނީ އެންމެ ފަހުން މެޗުގައި ޑެޚެއާގެ ފަރާތުން ފެނުނު މިސްޓޭކަކީ މި މެޗަށް އޭނާ ބާކީކުރަންޖެހޭ ސަބަބެއްކަމަށް ނުދެކޭކަމަށާއި، އޭނާ ފުރަތަމަ އެގާރާގައި ކުޅުވަން ޖެހިލުން ނުވާކަމަށެވެ.

ގްރޫޕް ސްޓޭޖުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލްއާއި ވާދަކޮށް އެއްވަރުވީ ތިނެއް ތިނެއްގެ ނަތީޖާއަކުންނެވެ.