ކުޅިވަރު

ޓީޓީ ކުޅުންތެރިޔާ މުއީނާ ފުޓްބޯޅަ ކޯޗިންގ ހަދަނީ


13 ފަހަރު ޤައުމީ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދާފައިވާ މުއީނާ މުހައްމަދާއެކު އޭއެފްސީ، ސީ ލައިސަންސް ކޯޗިންގ ސެޓްފިކެޓް ކޯސް ފަށައިފިއެވެ.

މިކޯހުގައި ކިޔަވައިދެނީ އޭއެފްސީގެ ދެ އިންސްޓަކްޓަރުން ކަމަށްވާ އަހުމަދު ޝަރީފު (ޑުންގާ) އާއި މުހައްމަދު ޝާޒްލީއެވެ. މިއަދު ކޯސް ފެށުމުގެ ގޮތުން އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ނައިބް ރައީސް އައިޝަތު ނާޒިމާ ވިދާޅުވީ އަންހެން ކުދިންނަށް އަމާޒުކޮށްގެން އަލަށް މިފެށި އޭއެފްސީ، ސީ ލައިސަންސް ކޯޗިންގ ސެޓްފިކެޓް ކޯހުގައި 17 ބައިވެރިން ބައިވެރިވުމުން ކޯހުގެ މުހިންމުކަން ދައްކުވައިދޭކަމަށެވެ. ސެޓްފިކެޓް ހާސިލްކޮށްގެން ނުތިބެ، ފީލްޑްގައި މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ނާޒިމާ ފާހަކުރެއްވިއެވެ.

އޭފްއޭއެމްއިން އަލަށް ފެށި މިކޯހާއި ގުޅޭގޮތުން ވާހަކަދައްކަމުން ކޯހުގެ ކޯޑިނޭޓާރ މުހައްމަދު ޝާޒްލީ ބުނީ އެފްއޭއެމްގެ އަމާޒަކީ ވީހާވެސް ގިނަ އަންހެން ކުދިން ކޯޗިންގެ ދާއިރާއަށް ނެރުންކަމަށެވެ. މިކޯހަކީ ކޯޗިންގެ ދާއިރާއަށް ނިކުންނަން ބޭނުންވާ ކުދިންނަށް އެންމެ ބޭސިކް އަދި ކޯޗިންގެ އެންމެ ފުރަތަމަ މަރުހާލާކަމަށާއި، މިކޯސް ފުރިހަމަ ކުރުމަށްފަހު އަމަލީ ގޮތުން މަސައްކަތުގައި އުޅުމަކީ ވަރަށް މުހިންމުކަމެއްކަމަށް ސާޒްލީ ބުންޏެވެ.

އަލަށް އެފްއޭއެމްއިން ފެށި އޭއެފްސީ، ސީ ލައިސަންސް ކޯޗިންގ ސެޓްފިކެޓް ކޯހުގައި 17 ބައިވެރިން ބައިވެރިވެފައިވާއިރު، ކޯހުގައި ގިނައީ މިހާރުވެސް ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.