ކުޅިވަރު

ކްރޫސް ފީކަޅާ މިސްޓޭކް ހަދައިގެން ނުވާނެ: ކޯޗު


ފަހަތުން އަރާ 2-1 ން ސްވިޑްން އަތުން ޖަރުމަނު މޮޅުކޮށްދިން ކުޅުންތެރިޔާ ޓޯނީ ކްރޫސް ވަރަށް ފީކަޅާ މިސްޓޭކްސް ހަދައިފިކަމަށާއި، އެކަން ތަކުރާރުކޮށްގެން ނުވާނެ ކަމަށް ޖަރުމަނުގެ ކޯޗު ޖޯހިމް ލޯ ބުނެފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ލޯ ބުނީ ރޭ ޖަރުމަނުކޮޅަށް ސްވިޑްން ޖެހި ގޯލުގައި ކްރޫސް ގޯސް ހަދާފައިވާ ކަމަށެވެ.

"އަހަރެން މިހުރީ ޓޯނީ ކްރޫސްއާ މެދު ވަރަށް އުފާވެފައި. އެކަމަކު ސްވިޑްން ގޯލު ޖެހުމުގައި އޭނާ ހެދި ގޯސް ވަރަށް މުހިންމު ދައުރެއް ކުޅުނު. އެފަދަ ގޯސްތަކަކީ އޭނާ ހަދައިގެންވާނެ ގޯސްތަކެއްނޫން. އޭނާގެ ހިލޭ ޖެހުން (ހިލޭ ޖެހުމުން މެޗުގެ ފަހު މިނިޓްގައި ޖެހި ގޯލު) އެއީ ދުނިޔޭގެ ފެންވަރުގެ ޖެހުމެއް. އޭނާއަށް ތައުރީފް ހައްޤު،" ލޯ ބުންޏެވެ.

ކްރޫސް އާއި ލޯ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކުރި ޓީމުގެ މުހިންމު ދެ މެމްބަރުންނެވެ.
ކްރޫސްގެ ގޯލާ ބެހޭ ގޮތުން ޖަރުމަނުގެ ފުރަތަމަ ލަނޑު ޖެހި މާކޯ ރޮއިސް ވެސް ވަނީ ތައުރީފްކޮށްފައެވެ.

"އެއީ މެޗުގެ އެންމެ ފަހު ޗާންސް. އެންމެ ފަހު ވަގުތުކޮޅު އެއީ. އޭނާ އެއްވެސް މިސްޓޭކެއް ނުހަދައި ގޯލުގެ ކަނަށް ވައްދާލީ. އެންމެނަށް ވެސް އެއާއެއު ލިބިގެންދިޔައީ އާދަޔާ ހިލާފު އުފަލެއް،" މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮއިސް ބުންޏެވެ.