ކުޅިވަރު

ބެލްޖިއަމަށްވުރެ އިނގިރޭސިން މޮޅެއްނޫން: ޕެނަމާ ކުޅުތެރިން


ބެލްޖިއަމް ޓީމަށްވުރެ އިނގިރޭސި ޓީމަކީ ބަލި ޓީމެއް ކަމަށް ޕެނަމާ ކުޅުންތެރިން ސިފަކޮށްފިއެވެ.
މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ޕެނަމާ ކޮންމެހެން މޮޅުވާން ޖެހޭ މެޗަކަށް އިނގިރޭސިންނާ ދެކޮޅަށް ނިކުތުމުގެ ކުރިން މިހެން ބުނި އެއް ކުޅުންތެރިއަކީ މިޑްފީލްޑަރު ޖޭ ލުއިސް ރޮޑްރިގޭޒްއެވެ.

"އަހަންނަށް އިނގިރޭސިންނަށްވުރެ ބެލްޖިއަމަކީ ބަލިކުރަން އުނދަގޫ ޓީމެއް. އިނގިރޭސިންނަކީ މޮޅު ކުޅުންތެރިން ގިނަ ބޮޑު ޓީމެއް. އެކަމަކު އަހަރުމެން މަސައްކަތް ކުރާނަން އެމީހުން ބަލިކުރަން. އަހަރެން ވަރަށް ގިނައިން އިނގިރޭސި ލީގު ބަލަން. އެކުޅުންތެރިންނާ ދެކޮޅަށް ކުޅެލަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ރޮޑްރިގޭޒް ބުންޏެވެ.

އޭނާ ބުނީ އިނގިރޭސިން ވެސް ހުއްޓުވޭނީ ޖިސްމާނީގޮތުން ވަރުގަދައަށް ކުޅެގެން ކަމަށެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕެނަމާ ބަލިވީ ބެލްޖިއަމް އަތުން 3-0 ނެވެ. މިރޭގެ މެޗާ ބެހޭ ގޮތުން ކެޕްޓަން ރޯމަން ޓޮރޭޒް ވެސް ބުނީ އިނގިރޭސިންނާ ދެކޮޅަށް ކުޅޭނީ ވަރަށް ފިޒިކަލް މެޗެއް ކަމަށެވެ.

"އިނގިރޭސި ޓީމަކީ ބެލްޖިއަމަށްވުރެ ބޮޑަށް ޑައިރެކްޓް ބޯޅަ ކުޅޭ ކުޅޭ ބައެއް. އެމީހުން މަތިން ވަރަށް ގިނަ ބޯޅަ ކުޅޭ. އަހަރުމެން އެމީހުންނާ ދެކޮޅަށް ވެސް ފިޒިކަލްކޮށް ޖައްސާނަން،" ޓޮރޭޒް ބުންޏެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ޕެނަމާ ކުޅުންތެރިން ވަރުގަދައަށް ޓެކްލްކޮށް ހެދުމުގެ ސަބަބުން ގިނަ ކުޅުންތެރިންނަށް އަނިޔާވި ކަމަށް ބުނެ ޝަކުވާކޮށްފައެވެ.