ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރަގްލޭޑްކުރަން ފަށަނީ


ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮމާޝަލް ޕެރަގްލޭޑިންގެ ޚިދުމަތް އަންނަ އޮކްޓޯބަރު މަހު ފަށާނެކަމަށް ސްކައި ގާއިސްއިން ބުނެފިއެވެ.

ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސްކައި ގާއިސްއިން އޮކްޓޫބަރު މަހު ބ. އަތޮޅު ފުޅަދޫގައި ފަށާ މިކުޅިވަރަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ކުޅިވަރެކެވެ. ސްކައި ގާއިސްއިން ބުނީ ރާއްޖޭގެ އިތުރު ހިސާބުތަކަށް މި ކުޅިވަރު ފުޅާކުރުމަށް ބެނުންވާ ފަރާތްތަކަށް އެކަމުގައި އެ ކުންފުނިން އެހީތެރިވެދޭނެ ކަމަށެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްކައި ގާއިސްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ ނިޝްވާން އައްބާސް ވިދާޅުވީ މި ހަރަކާތް ފުޅަދޫގައި ފެށުމައް ނިންމީ، ރާއްޖޭގެ ބަޔޮސްފިއަރ ރިޒާވް އޮތީ ބ. އަތޮޅުގައި ކަމަށްވެފައި އެސަރަޙައްދަކީ މިހާރު ފަތުރުވެރިންގެ އެންމެ މަޤުބޫލު އެއް ސަރަޙައްދުކަމަށް ވާތީއެވެ.

އޭނާ ވިދާޅުވީ މި ކުޅިވަރުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ކަނޑައަޅާފައި ނުވިނަމަވެސް ދިވެހިންނަށް މި ޚިދުމަތް ދޭ އަގު ފަތުރުވެރިންނަށް ދޭ އަގަށްވުރެ ކުޑަވާނެކަމަށެވެ. ރާއްޖެއަށް އަލަށް ތަޢާރަފްކުރަން މަސައްކަތްކުރާ މި އޭރިއަލް ކުޅިވަރާއެކު ޕެރަގްލައިޑަރުންނަށް 3000 ފޫޓު މައްޗަށް އެރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.