ކުޅިވަރު

ވިކްޓްރީއަށް ޑެންމާކް މިޑްފީލްޑަރަކާއި، ތަޖަކިސްތާން ޑިފެންޑަރެއް!


ޑެންމާކްގެ ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ކުޅެފައިވާ މިޑްފީލްޑަރަކާއި، ތަޖަކިސްތާން ޑިފެންޑަރެއް ގެންނަން ވިކްޓްރީން ނިންމައިފިއެވެ.

އަންނަ ބުރާސްފަތި ދުވަހު ފަށާ ދިވެހި ޕްރިމިއަރ ލީގަށް ޓީމް ވަރުގަދަ ކުރަން ގެންނަ ޑެންމާރކްގެ ކިމް އެލްގާޑްއަކީ އެޓޭކިންގ މިޑްފީލްޑަރެކެވެ. އަދި ތަޖަކިސްތާންގެ ޑިފެންޑަރު ފިރުދޯސްއަކީ އެޤައުމުގެ ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ދެ ކުޅުންތެރިންވެސް ވަރަށް އަވަހަށް ޓީމާ ގުޅޭނެކަމަށް ވިކްޓްރީން މައުލޫމާތުދެއެވެ. 22 އަހަރުގެ ޑިފެންޑަރ ފިރްދޯސްއަކީ އެޤައުމުގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ސީއެސްކޭއޭއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
އަންނަ އަހަރު އޮންނަ އޭޝިޔަންކަޕް ކޮލިފިކޭޝަންގައި ނޭޕާލްއާއި ތަޖަކިސްތާން ވާދަކުރި މެޗްގައި ފިރްދޯސް ވަނީ ތަޖަކިސްތާންގެ ޤައުމީ ޓީމަށް ކުޅެފައެވެ.

ޑެންމާކްގެ 26 އަހަރުގެ ކިމް އެލްގާޑްއަކީ ޑެންމާކްގެ ފުރަތަމަ ޑިވިޝަންގެ ހަތަރު ކުލަބަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ކިމްއަކީ މެދުތެރޭގެ އިތުރުން ކަނާތް އަދި ވާތު އަރިމަތިން ފަހަތަށްވެސް ކުޅެވޭ ކުޅުންތެރިއެއްކަމަށް ވިކްޓްރީން މައުލޫމާތުދިނެވެ. ވިކްޓްރީން ބުނީ މި ދެކުޅުންތެރިން ގެންނަނީ އެންޖެލް މުނޯޒް އަދި ޕެޑްރޯ ދޫކޮށްލުމަށްފަހުކަމަށެވެ. ޒުވާން ޑިފެންޑަރ އަލީ ޝާމިޝްވެސް ވިކްޓްރީން ވަނީ ދޫކޮށްލާފައެވެ. އޭނާ ބަދަލުވީ މާޒިޔާއަށެވެ.
ވިކްޓްރީން ބުނީ ޓީމުން ޕެޑްރޯ ދޫކޮށްލި ނަމަވެސް އެންޖަލް ޓީމްގައި ބަހައްޓަން ބޭނުންވިކަމަށް، އޭނާ ދޫކޮށްލީ ފަހުން ޑިމާންޑް ކުރި ބައެއް ކަންތައްތައް ޓީމަށް ކޮށްދެވެން ނެތުމުންކަމަށެވެ.

ވިކްޓްރީން ބުނީ ޓީމަށް ގެނައި ކުޅުންތެރިންނާއި އެކު މިހާރު ވިކްޓްރީ ވަރަށް ވަރުގަދަވާނެކަމަށާއި، މިފަހަރުގެ އަމާޒަކީ ޕްރިމިއާރ ލީގު ހޯދުންކަމަށެވެ.