ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސައިންސް އެންޑް ޓެކްނޮލޮޖީ ފެކަލްޓީގައި އަރކިޓެކްޗަރ ގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން ގެ އުފެއްދުންތައް ދައްކުވައިދޭ މައުރަޒެއް ފަށައިފިއެވެ. ތިން ދުވަހަށް ކުރިޔަށްދާ މި މައުރަޒު ކުރިޔަށްދަނީ އެމް.އެންޔޫ ގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒްމް ސްޓަޑީސްގައެވެ. މި މައުރަޒުގައި އާރކިޓެކްޗަރ ދާއިރާއިން އެމް.އެން.ޔޫގައި ތަޢުލީމް ޙާޞީލްކުރާ ދަރިވަރުންގެ މަސައްކަތްތައް ދައްކާލަން ބަހައްޓާފައިވެއެވެ.
ޤައުމީ ޔުނިވަރސިޓީގެ އަރކިޓެކްޗަރ ދާއިރާގެ ހެޑް އޮފް ޑިޕާރޓްމެންޓް އިބްރާހިމް ނަދީމް ވިދާޅުވީ މި މައުރަޒަކީ އެ ފެކަލްޓީގައި ކިޔަވަމުންދާ ދަރިވަރުންގެ މަސައްކަތްތައް ދައްކައިދީ މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެއްކަމަށެވެ. އަދި މި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި މި ދާއިރާމެދު ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މި މައުރަޒުގެ ބޭނުމެއްކަމަށްވެސް ނަދީމު ވިދާޅުވިއެވެ.
މި މައުރަޒުގެ ތީމްއަކީ ރާއްޖޭގެ ސަޤާފަތް މި ތީމުއެވެ. މި މައުރަޒުގެ ބައިވެރިންވަނީ ހ.އ އުތީމަށް ޒިޔާރަތްކޮށް، މައުރަޒުގައި ހިމަނާނެ ތަކެއްޗަށް ޚިޔާލު ހޯދާފައެވެ. އަދި އުތީމުގައި ހުރި ސަޤާފީ ތަރިކަތަކަށް ޒިޔާރަތްކޮށް ދިވެހި ރާއްޖޭގެ އާދަކާދަ އާއި މޫސުމާއި ގުޅޭގޮތުން މައުރަޒު ގެ ބައިވެރިން ވަނީ ގިނަ މޮޑެލްތަކެއް ތައްޔާރުކޮށް މައުރަޒުގައި ދައްކާލަން ބަހައްޓާފައެވެ.
މި މައުރަޒު ގެ ބައިވެރިންވަނީ ބުނީ މައުރަޒަށް ތައްޔާރުވުމުގެ މަރުޙަލާތަކުގައި މި ދާއިރާ އާއި ގުޅޭގޮތުން ބައިވަރު ކަންތައްތައް ދަސްވެފައިވާކަމަށާއި ގިނަ ތަޖުރިބާތަކެއް ލިބުނީތީ އެކަމާއި އުފާކުރާކަމަށެވެ. އަދި އަމިއްލަ މަސައްކަތް ދައްކާލަން މި ފަދަ ފުރުޞަތެއް ލިބުނީތީ އެކަމާއި ވަރަށް ބޮޑަށް ފަޙުރުވެރިވާކަމަށްވެސް އެކުދިން ބުނެއެވެ.
2010 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އަރކިޓެކްޗަރ ގެ ދާއިރާއިން ޑިގްރީ ޙާޞިލްކުރުމުގެ ފުރުޞަތު ތަނަވަސްވެފައިވާއިރު، ވޭތުވެ ދިޔަ 8 އަހަރުތެރޭގައި އެ ޔުނިވަރސިޓީން ގާތްގަނޑަކަށް 60 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި މިވަގުތުވެސް 3 ބެޗެއްގައި 60 ދަރިވަރުން ދަނީ ތަޢުލީމު ޙާޞިލްކުރަމުންނެވެ. އާރޓިޓެކްޗަރ ދާއިރާއަކީ ދިވެހި ދަރިވަރުން ގެ މެދުގައި ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ދާއިރާއެއްކަމަށް އެމް.އެން.ޔޫ އިން ބުނެއެވެ. ޤައުމީ ޔުނިވަރސިޓީންވަނީ މިއަހަރު ގެ ޖެނުއަރީ މަހު ވަނީ އިންޓީރިއަރ ޑިޒައިނިންގް ގެ ކޯސްތައް ޑިގްރީ ފެންވަރަށް ކިޔަވައިދޭން ފަށާފައެވެ.