ޚަބަރު

ޝަރުތުހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ - ސަރުކާރު


ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރިޔާސީ އިންތިޚާބާއިބެހޭ ގޮތުން އޮސްޓްރޭލިޔާ ސަރުކާރުން ނެރުނު ބަޔާނަށް ރައްދުދެއްވާ ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައެވެ. މިބަޔާނުގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބު، އިންސާފުވެރި މިނިވަން އިންތިޚާބަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި މިއިންތިޚާބަކީ އިންސާފުވެރި މިނިވަން އިތިޚާބަކަށް ހެދުމަށް ކުރެވުނުހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

މިމަހުގެ 20 އިން 21 އަށް އޮސްޓްރޭލިއާގެ ސަފީރު ބްރައިސް ހަޗެސަން ރާއްޖެއަށްކުރި ޒިޔާރަތަށްފަހު، އޮސްޓްރޭލިޔާ ސަރުކާރުން ނެރުނު ނޫސްބަޔާނުގައިވަނީ ރިޔާސީ އިންތިޚާބު އިންސާފުވެރި ވެދާނެކަމާއިމެދު ސުވާލު އުފައްދާފައެވެ. އޮސްޓްރޭލިޔާގެ މިކަންބޮޑުވުންތަކާއި ގުޅުގިން ސަރުކާރުން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނާއި ކަމާއިބެހޭ އެހެނިހެން މުޢައްޞަސާތަކާއި ގުޅިގެން އެއް ރޫޙެއްގައި، އިންތިޚާބު ގެ ތައްޔާރީތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. މީގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކުން ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް އަމަލުކުރަމުންދާކަން ފާހަގަކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ޤާނޫނީ ވެރިކަމާއި ޑިމޮކްރަސީގެ އުސޫލުތަކަށް އުނިކަންލިބޭކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ސަރުކާރުންވަނީ ފާޅުކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް އަސާސީ ޙައްޤުތަކާއި އާސާސީ މިނިވަންކަން ހިމާޔަތްކުރާނެކަމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ އެންމެންގެ މައްޗައްވެސް ޤާނޫނީ ތަރަހައިގެ ތެރެއިން ޤާނޫނު ތަންފީޒުކުރާނެކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން 2008 ވަނަ އަހަރު ރާއްޖެއަށް މަލްޓި ޕާރޓީ ނިޒާމް ތަޢާރަފްކުރި ހިސާބުން ފެށިގެން މިއަދާއި ހަމައަށް ރާއްޖޭގައި ބޭއްވި ހުރިހާ އިންތިޚާބުތަކަކީ މިނިވަން، އިންސާފުވެރި އިންތިޚާބުތަކެއް ކަމުގައި ރާއްޖެއާއި ރާއްޖެއިންބޭރު ފަރަތްތަކުން ކަނޑައަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ. މީގެތެރޭގައި މިސަރުކާރުން ބޭއްވި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި 2014 ވަނަ އަހަރާއި 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ގެ އިތުރުން އެތަކެއް ބައި-އިލެކްޝަންތަށް ހިމެނެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައިވަނީ އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ޒަމާނުއްސުރެ ވެދެއްވަމުންގެންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.