ޚަބަރު

ރިޔާސީ އިންތިޚާބުގެ ސަލާމަތީކަންކަން ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


އަންނަ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެހާ ސަލާމަތީކަންކަން ބެލެހެއްޓުމާއި، އިންތިޚާބުގެ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި ފުލުހުންނާއެކު އިލެކްޝަންސް ކޮމިޝަނުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކާ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާއި ބެހޭ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމާއި، އިންތިޚާބުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ދަޢުލަތުގެ މުޢައްސަސާތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް އެކޮމިޝަންނުން ކުރަމުން އަންނަކަމަށެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާ ފަރާތަކީ ފުލުހުންކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ، ފުލުހުންނާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ވޯޓުލާ މަރުކަޒުތަކާއި، ވޯޓު ފޮށްޓާއި، ވޯޓު ކަރުދާހުގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ކަށަވަރުކޮށްދޭނެކަމަށެވެ. އަދި އިންތިޚާބާއި ގުޅިގެން އަތޮޅުތަކަށް ވޯޓު ފޮށިތައް ގެންދިއުމަށް ކުރާ ދަތުރުތަކުގައިވެސް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އިދާރީ އެހީތެރިކަންވެސް ފުލުހުން ފޯރުކޮށްދޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ވިދާޅުވީ، ކުރީގެ އިންތިޚާބުތަކުގެ ތަޖުރިބާއަށް ބަލައި، މިފަހަރުގެ އިންތިޚާބުގެ ކަންކަންވެސް ފުރިހަމަކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ ފުލުހުންގެ މުޢައްސަސާއިން ދުރާލާއެކަމަށް ތައްޔާރުވަމުންދާކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ނަވާޒް ވިދާޅުވީ، އިންތިޚާބުގެ ސަލާމަތީކަންކަން ފުރިހަމަކުރުމާއި، އިންތިޚާބު އަމާންކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ ދިވެހި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށްޓަކާ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ފުލުހުންގެ ޓީމްތައް ހަރަކާތްތެރިވާނެކަމަށް ނަވާޒް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގައެވެ. އަދި މިފެށޭ ޖުލައި މަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، މިއަހަރުގެ ރިޔާސީ އިންތިޚާބަކީވެސް މިނިވަން އިންސާފުވެރި އިންތިޚާބަށް ހެދުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ. އަދި މިހާރުގެ ތައްޔާރީތަކަށް ބަލާ، އިންތިޚާބު ވޯޓުލާ ދުވަހުގެ ތާރީޚަށް އެއްވެސް ބަދަލެއް އަދުވެދާނެކަމަށް ނުބެލެވޭކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.