ކުޅިވަރު

ލަންކާ އަތުން ބަލިވިޔަސް ކޮލިފައިވުމުގެ އުއްމީދަށް ބަދަލެއް ނާދޭ - ކޯޗު ކޮފީނޯ


ސްރީލަންކާގެ މައްޗަށް ކުރި ނުހޯދުނަސް ބަންގްލަދޭޝް ބަލިކޮށް އޭޝިޔާ ކަޕުގެ ކޮލިފައިން ފަހު ބުރަށް ކޮލިފައިވުމަށް ޓީމުން ގަދަ އަޅައި މަސައްކަތްކުރާނެކަމަށް ޤައުމީ ބާސްކެޓް ޓީމްގެ ކޯޗް ޖޯން ކޮފީނޯ ބުނެފިއެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާބާ ޗެންޕިއަންޝިޕްގައި މިއަދު ލަންކާ އަތުން ބަލިވި މެޗަށްފަހު ޕީ.އެސް.އެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ކޯޗް ކޮފީނޯ ބުނީ، ރަންމެޑަލް ލިބެން އޮތް ފުރުސަތު ގެއްލުމުން ދެރަވިނަމަވެސް، ކޮލިފައިވުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށެވެ. މިއަދުގެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރަމުން ކޯޗު ބުނީ ރަނގަޅަށް ރެސްޓް ނަގައި ބަންގްލަދޭޝާއި ވާދަކުރަން އޮތް ފަހު މެޗަށް ރަނގަޅަށް ތައްޔާރުވާނެކަމަށެވެ.

"ޔަގީނުންވެސް ވަރަށް ޑިސެޕޮއޮންޓްވެއްޖެ މިއަދުގެ މެޗުން ބަލިވީމަ. ޓީމުން ހިތްހަމަޖެހޭވަރަށް ކުޅުނު. މިސްޓޭކްތަކެއްވެސް ހެދުނު. މިއަދުގެ މެޗުން މިހެންވި ނަމަވެސް މީގެ ސަޅިކަމަކީ އަހަރެމެންނަށް އަދިވެސް ކޮލިފައިވުމަށް ފުރުސަތު އޮތީމަ" ކޯޗް ބުންޏެވެ.

މިފަހަރުގެ ސާބާ ޗެންޕިއަންޝިޕްގައި ރާއްޖެއިން މިހާތަނަށް ތިން މެޗުކުޅެ ދެ މެޗުން މޮޅުވެފައިވާއިރު، ދިވެހި ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން އެކި ސަބަބުތަކާހުރެ ފަހު ދެ މެޗުގައި ކޯޗު ފުލްކޮށް ބޭނުމެއް ނުކުރެއެވެ. އެގޮތުން ބޭރަށް ހިންގުމާއި، ހުމުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް މިއަދުގެ މެޗުގެ ބޮޑުބައި ކުޅެފައި ނުވާއިރު، ޓީމްގެ ވައިސް ކެޕްޓަން އަހުމަދު ޒަބީރު ހުރީ އަނިޔާގައެވެ.

މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭމެޗު ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމް ކާމިޔާބުކޮށްފިނަމަ، ރިހި މެޑައްޔާއިއެކު ފީބާ އޭޝިއާ ކަޕް 2021ގެ ކޮލިފައިންގެ ފަހު ބުރަށް ރާއްޖެ ކޮލިފައިވާނެއެވެ.