ކުޅިވަރު

ކްލަބް ވެލެންސިޔާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ!


39 އަހަރަށްފަހު ރާއްޖޭގެ އެންމެ ކާމިޔާބުއެއް ކުލަބް، ކުލަބް ވެލެންސިޔާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެއެވެ.

ކުލަބް ވެލެންސިޔާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ މާލޭ ލީގުގެ ގަދަ ހަ ޓީމްގެ ތެރޭގައި ނުހިމެނި، ކުޅުނު ކޮލިފިކޭޝަންގައި 4-2 ގެ އެގްރިގޭޓުން ޔުނައިޓަޑް ވިކްޓްރީއާއި ވާދަކޮށް ބަލިވުމުންނެވެ. މިނަތީޖާއާއެކު އަންނަ އަހަރުވެސް ޔުނައިޓެޑް ވިކްޓްރީ ފުރަތަމަ ޑިވިޝަންގައި ދެމިއޮންނާނެއެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗު ޔޫވީ ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެވަނަ މެޗުގައި މިއަދު ފުރަތަމަ ދެ ލަނޑު ޖަހާ ވެލެންސިޔާއިން ކުރި ހޯދާ ފުރުޞަތު ތަނަވަސްކޮށްފައިވަނިކޮށް، ޔޫވީން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަކޮށްފައެވެ.

1979ވަނަ އަހަރު އުފެދުނު ކުލަބް ވެލެންސިޔާ ފުރަތަމަ ފަހަރަށް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައިވާއިރު ފަހަކަށްއައިސް ކުލަބް ވެލެންސިޔާ ފެނުނީ ދަށްކޮށެވެ. ފާއިތުވެގެންދިޔަ ނުވަ އަހަރުގެ ތެރޭގައި ކުލަބް ވެލެންސިޔާއަށް ހޯދިފައިވަނީ އެންމެ ތަށްޓެކެވެ. އެއީ 2016 ވަނަ އަހަރުގެ އެފްއޭކަޕެވެ. 2016 ވަނަ އަހަރަށްފަހު ކުލަބް ވެލެންސިޔާއަށް ކާމިޔާބުކުރެވިފައިވަނީވެސް އެންމެ ހަތަރު މެޗެވެ. އެއީ އޭއެފްސީކަޕް ކޮލިފިކޭޝަންގައި ބޫޓާންގެ ތިންޕޫއާއި ވާދަކުރި މެޗާއި، މިދިޔަ އަހަރުގެ ލީގު އަދި މިއަހަރުގެ މާލޭ ލީގުގައި ޔޫވީއާއި ވާދަކުރި މެޗާއި، މިއަހަރުގެ ލީގުގެ ދެވަނަ ބުރުގައި ގްރީން ސްޓްރީޓްސްއާއި ވާދަކޮށް ކުރި ހޯދި މެޗެވެ. ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި އެންމެ ކާމިޔާބު އެއް ކުލަބް ކުލަބް ވެލެންސިޔާވަނީ ކަޕްވިނާސް ކަޕާއި ދިވެހި ލީގު މިލްކުކޮށްފައެވެ. 2008 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ފަހުން އެޓީމަށް މާރަނގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ.

ރެލިގޭޓްވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކުލަބް ވެލެންސިޔާގެ ކޯޗް ސޮބާހު މުހައްމަދު ބުނީ މިއީ ފުޓްބޯޅައިގެ ކަޅު ދުވަހެއްކަމަށާއި، މިފަދަ ދުވަހެއް އަންނާނެކަމަށް އުއްމީދުވެސް ނުކުރާކަމަށެވެ. އެންމެ ފަހު ވަގުތުވެސް ކުޅުންތެރިން މަސައްކަތް ކުރިކަމަށާއި، ކުލަބް ރެލިގޭޓް ވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުރިކަމަށްވެސް ސޮބާ ބުންޏެވެ. ޓީމެއް ޓީމަކަށްވަނީ ހަމައެކަނި ކޯޗާއި ކުޅުންތެރިން ލައިގެން ނޫންކަމަށްވެސް ސޮބާ ބުންޏެވެ.

"މިއީ އަސްލުގައި ވަރަށް ދެރަ ދުވަހެއް. މިއީ މިއަދަކު ވެގެން އުޅޭ ގޮތެއް ނޫން. ވެލެންސިޔާ މިހާރު މިހާލުގައި އޮންނަތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ. މިކަމާއި ވިސްނާ މީހުންވެސް ވަރަށް މަދު، ހާއްސަކޮށް ކުލަބްގެ މެނޭޖްމަންޓުން މިކަމަށް ވިސްނަން އެބަޖެހޭ. އަދިވެސް ވިސްނުންތެރިކަމާއިއެކު ވިސްނައިގެން ރާއްޖޭގެ ފުޓްބޯޅައިގެ ބްރޭންޑެއްކަމަށް ދެކިގެން ކުލަބް ވެލެންސިޔާ އެބަޖެހޭ ކޮޅަށް ނަގަން." މެޗަށްފަހު ޞޮބާ ބުންޏެވެ.

ކުލަބް ވެލެންސިޔާއަށް މޮޅުވާން މަޖުބޫރު މިމެޗުގެ ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދީ ވެލެންސިޔާއިންނެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝިފާންއާއި އަންސަރު އިބްރާހީމްއެވެ. ފަހަތުން އަރާ ޔޫވީއަށް ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމްގެ ބިދޭސީ ދެ ކުޅުންތެރިންކަމުގައިވާ ސެމިއުލް އާއި ރަފެއަލްއެވެ.