ޚަބަރު

ހިޔާ މަޝްރޫޢު ގެ އެމް.ޕީ.އެލް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް


މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާ، ޙަވާލުކޮށްފައިވާ ހިޔާ މަޝްރޫޢުގެ 2 ޓަވަރާއި ފްލެޓު ތަކުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާކަމަށާއި، މިއަހަރުގެ ފަހު ކޮޅު މި މަޝްރޫޢު ގެ ފުރަތަމަ ފިޔަވަހީ ގެ މަސައްކަތް ނިންމާލައި، 2019 ވަނަ އަހަރު ޕްރޮޖެކްޓްގެ މަސައްކަތް މުޅިން ނިންމާލެވޭ ވަރު ވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމް.ޕީ.އެލްއިން ބުނެފައިވަނީ 4 ޓަވަރެއްގައި މިހާރު ދަގަނޑު ޝީޓު ޖެހުމުގެ މަސަތްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށާ މީގެ އިތުރުން އެ ކުންފުނިން ޙަވާލުވެފައިވާ 2 ފްލެޓެއްގެ އެންމެ ތިރީ ފަންގިފިލާ ގެ ތަނބުތަކުގެ މަސައްކަތް ވެސް މިހާރު ނިމުމަކާ ގާތަށް އައިސްފައިވާކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމުގައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން އެމް.ޕީ.އެލްއިން ޢިމާރާތްކުރާ ޓަވަރުތަކުގެ މަސައްކަތް ކުރުމަށް 2017 ވަނަ އަހަރު ވަނީ ސިންގަޕޫރުގެ ކުންފުންޏަކާ ޙަވާލުކޮށްފައެވެ. މި މަޝްރޫޢު ގެ ދަށުން އެމް.ޕީ.އެލް އިން 1200 އަކަފޫޓުގެ ބިމެއްގައި 14 ބުރީގެ 3 ޓަވަރާއި ފްލެޓް އެޅުމަށް ހަމަޖެހިފައިވެއެވެ. މި ޓވަރުތަކުގައި 1 ކޮޓަރީ ގެ އެޕާރޓްމެންޓާއި 3 ކޮޓަރީގެ އެޕާރޓުމެންޓްތައް ހިމެނިގެންދާނެއެވެ.

މިހާރު ގެ ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫޢު ގެ ތެރެއިން ސަރުކާރު ގެ ކުންފުނިތައް ހިމެނޭގޮތަށް 25 ބުރީ ގެ 62 ޓަވަރު ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހި ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބި، އެއްލައްކަ މީހުން ގެ އާބާދީއަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.