ކުޅިވަރު

ޑިސެމްބަރު މަހު އޮންނަ މުބާރާތަށް 20 އަހަރުން ދަށުގެ ކްރިކެޓް ޓީމް އެކުލަވާލައިފި


ޤައުމީ 19 އަހަރުން ދަށުގެ ކްރިކެޓް ސްކޮޑް އިޢުލާންކޮށްފިއެވެ.

19 އަހަރުން ދަށުގެ ސްކޮޑް އިޢުލާންކުރީ މިއަހަރުގެ ޑިސެންބަރު މަހު ތައިލެންޑްގައި އޮންނަ އައިސީސީ 19 އަހަރުންދަށުގެ ކްރިކެޓް މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ. ދުރާލާ ފަރިތަކުރުންތައް ފެށުމަށް އިއުލާންކުރި ސްކޮޑްގައި 25 ކުޅުންތެރިން ހިމެނެއެވެ. 19 އަހަރުން ދަށުގެ ސްކޮޑްގެ ފަރިތަކުރުންތައް ކުރިއަށް ދާނީ ކްރިކެޓް ބޯރޑްގެ ޑިވެލޮޕްމަންޓް މެނޭޖަރ އިމާދު އިސްމާއިލް އަދި ޑިވެލޮޕްމަންޓް ކޯޗް މިސްޓަރ ނިލާންތަ ކޫރޭގެ އިރުޝާދުގެ ދަށުންނެވެ.

ސްކޮޑް އިޢުލާންކުރުމަށްފަހު ކްރިކެޓް ބޯޑުގެ ރައީސް މުހަންމަދު އަފްލާހް ވިދާޅުވީ މިހާ ދުރާލާ ސްކޮޑެއް ނަގައިގެން ފަރިތަކުރުންތައް ފަށުމުގެ ބޭނުމަކީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރުންކަމަށެވެ. 19 އަހަރުން ދަށުގެ ސްކޮޑްގައި ވަރަށް ގިނަ އާ ކުޅުންތެރިން ހިމެނޭކަމަށާއި، އެކުޅުންތެރިންނަށް ރަނގަޅު ތަމްރީންތަކެއް ބޭނުންވާކަމަށް އަފްލާޙު ވިދާޅުވިއެވެ. އަދި މިފަހަރު ސްކޮޑް ނަގާފައިވަނީވެސް ބޯޑުން ކުރިއަށްގެންދިޔަ މުބާރާތްތަކުގެ ކުޅުމަށް ބަލާފަކަމަށްވެސް އަފްލާޙު ވިދާޅުވިއެވެ.

"މިފަހަރު ސްކޮޑް ނަގާފައިވަނީ ދެވަނަ ޕްރެޒިޑެންސް ކަޕްގައި ރަނގަޅު ކުޅުމެއްދައްކާފައިވާ ކުޅުންތެރިންނަށް ބަލައިގެން. މިޓީމަށް އިރުޝާދު ދިނުމަށް ސައުތް އެފްރިކާއިން ވަރަށް ތަޖްރިބާކާރު ކޯޗެއްވެސް ގެންނަން ނިންމާފަ ވަނީ. މިކޯޗަކީ އަސްލުގައި ސީނިއަރ ޓީމަށް ގެންނަ ކޯޗެއް. ނަމަވެސް ޖޫނިއަރ ޓީމަށްވެސް މިކޯޗުގެ އެހީތެރިކަން ލިބޭނެ. މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ އިތުރުން، މުބާރާތުގެ ކުރިން ކޭމްޕެއް ދިއުމަށްވަނީ ހަމަޖެހިފަ." އަފްލާހު ވިދާޅުވިއެވެ.

އައިސީސީ 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ޓީމްތައް ވަނީ ދެ ގުރޫޕަކަށް ބާހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ ތައިލޭންޑް، ސައުދި އަރަބިޔާ، އޮމާން، ބޫޓާން އަދި ގަތަރެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ އިތުރުން ހޮންގކޮންގް، ޗައިނާ، ބަހުރޭން އަދި ކުވޭތެވެ.