ކުޅިވަރު

ފޯކައިދޫ އަތުން ވިކްޓްރީއަށް އުނދަގޫ މޮޅެއް!


އަހުމަދު ރަޝީދު ކާމިޔާބުކުރި ލަނޑުން ފޯކައިދޫގެ މައްޗަށް ވިކްޓްރީން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ށ.ފޯކައިދޫއާއި ވާދަކޮށް ވިކްޓްރީ މެޗު ކާމިޔާބުކުރީ 2-1 ނެވެ. ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިމަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވިޓްރީންނެވެ. ވިކްޓްރީއަށް ލިބުނު ކޯނަރު އޭރިޔާ ތެރެއަށް ހުރަސްވުމުން، ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ވިކްޓްރީއަށް ލީޑް ނަގައިދިނީ މިފަހަރުގެ ޓްރާންސްފާރގައި ވިކްޓްރީއަށް ގުޅުނު ކިމް އެލްގާޑްއެވެ. ފުރަތަމަ ހާފް ކުރީގައި އޮވެގެން މެޗް ނިންމާލަންދަނިކޮށް ފޯކައިދޫން ނަތީޖާ ހަމަހަމަކުރީ ހާފް ނިމެން މިނިޓަކަށްވެފައިވަނިކޮށެވެ. ފޯކައިދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކަމާލްއެވެ.
ދެވަނަ ހާފްގައިވެސް ދެ ޓީމަށްވެސް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިދަނިކޮށް، ދެވަނަ ފަހަރަށް މެޗުގައި ވިކްޓްރީއަށް ލީޑް ނަގާދިނީ އަހުމަދު ރަޝީދުއެވެ. މެޗަށްފަހު ވިކްޓްރީގެ ކޯޗު ލާޒްލޯ ކިސް ބުނީ މެޗުން މޮޅުވެ، ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭކަމަށާއި، މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދުވެސް ހިތްހަމަޖެހޭކަމަށެވެ.

ށ.ފޯކައިދޫ ޓީމްގެ ކޯޗު އަލީ ނިޝްތާރު ބުނީ މެޗުން މޮޅު ނުވެވުމުން ހިތްހަމަނުޖެހޭކަމަށާއި، ނަމަވެސް ޓީމްގެ ކުޅުންތެރިންގެ ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށެވެ. އަދި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިދިއުމުގެ ސަބަބުން ޓީމްގެ ފަހަތަށް ބާރު ބޮޑުވެގެންދިޔަކަމަށެވެ.

ލީގުގައި މިދެ ޓީމްވެސް މިހާރު ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ފޯކައިދޫ ވަނީ ގްރީން ސްޓްރީޓްސްއާއި ވާދަކޮށް ޕޮއިންޓެއް ހޯދާފައެވެ. އަދި ވިކްޓްރީ ފެހެންދޫއާއި ވާދަކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.