ޚަބަރު

ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ، މޫސުމަށް ސަމާލުވޭ- މެޓް އޮފީސް


ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމަޔަށް ވައިޓް އެލާޓް ނެރެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށާއި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 05 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 ދެމެދު ބާރުމިނުގައިކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމައްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.