ކުޅިވަރު

އަތޮޅުތަކުން އައި ޓީމްތަކަށް މާލޭގެ ޓީމްތައް ބަލިކުރެވޭނެ - ނިޝްތާރު


އެއްވެސް ޓީމަކާ ދެކޮޅަށް ފަހަތަށް ޖެހިގެން ނުކުޅޭނެކަމަށާއި، އަތޮޅު ތެރޭގެ ޓީމްތަކަށްވެސް މާލޭގެ ބޮޑެތި ޓީމްތައް ބަލިކުރެވޭނެކަމަށް ފޯކައިދޫ ޓީމްގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނެފިއެވެ.

މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގައި އއ.މާޅޮސް ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދިނުމަށްފަހު މިހާރު ފޯކައިދޫއަށް އިރުޝާދު ދެމުން އަންނަ ނިޝްތާރު ބުނީ ފޯކައިދޫން އެއްވެސް ވަރަކަށް ފަހަތަށް ޖެހިގެން، ޓީމްގެ އެގާރަ ކުޅުންތެރިން ހާފް ތެރޭގައި ބައިތިއްބައިގެން ކުޅުމުގެ ވިސްނުމެއް ނެތްކަމަށެވެ. ފަހަތަށް ޖެހިގެން ކުޅެގެން އެއްވެސް އެއްޗެއް އެއްވެސް ކުޅުންތެރިއަކަށް ދަސްނުވާނެކަމަށާއި، ކުޅުމުގެ ތަޖުރިބާވެސް ނުލިބޭނެކަން ނިޝްތާރު ފާހަގަކުރިއެވެ. މިހާރު ރާއްޖޭގައި ކުޅެމުން އަންނަ ކުޅުން ބަދަލުކޮށް، އަވަސް ފުޓްބޯޅައަކަށް ދާންޖެހޭކަމަށްވެސް ފޯކައިދޫ ޓީމްގެ ކޯޗް ނިޝްތާރު ބުންޏެވެ. މާލޭގެ ޓީމްތަކާއި ދެކޮޅަށް ހިތްވަރާއެކު ނިކުމެއްޖެނަމަ، ނަތީޖާ ނެރެވޭނެކަމަށާއި، ކޮންމެ ޓީމެއްވެސް ބިރު ކަނޑާލުމަށްފަހު ފަހަތުގައި ނުތިބެ ކުރިއަރައިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ ނަތީޖާ ނެރެވޭނެކަމަށް ނިޝްތާރު ބުންޏެވެ.

"އަޅުގަނޑުމެން އެއްވެސް ޓީމެއް ފަސޭހަކޮށް ނުނަގާނަން. ކޮންމެ ޓީމަކާ ދެކޮޅަށްވެސް ފޯކައިދޫ ނިކުންނާނީ މަދުވެގެން ޕޮއިންޓެއް ދަމައިގަނެވޭތޯ. އަޅުގަނޑުމެން ބޭނުން މިހާރު އަތޮޅުތެރޭގެ ޓީމްތަކާއި ދޭތެރޭގައި ދެކޭ ގޮތް ބަދަލުކޮށްލަން. ރަށްރަށުން އަންނަ ޓީމްތަކުގައިވެސް ވަރުގަދަކަން ހުރިކަން، ހަމަ ކުޅެލަން އަންނަނީ ނޫންކަން. ފޯކައިދޫން މިފަހަރު ކޮންމެ ޓީމަކާ ދެކޮޅަށްވެސް ފައިޓް ކުރާނަން." ދާދިފަހުން އޭލައިސަންސް ކޯސް ފުރިހަމަކުރި ކޯޗު ބުންޏެވެ.

ނިޝްތާރު ބުނީ މިދިޔަ އަހަރު މާޅޮހާއި އެކު ޕްރިމިއާރ ލީގްގައި ލިބުނު ތަޖްރިބާގެ ބޭނުން މިއަހަރުގެ ލީގުގައި ވަރަށް ބޮޑަށް ހިފާނެކަމަށެވެ.