ކުޅިވަރު

13 އަހަރުން ދަށުގެ ޔޫތް ލީގު ފަށައިފި


ދިރާގު 13 އަހަރުން ދަށުގެ ޔޫތް ލީގުގެ ފުރަތަމަ މެޗު މާޒިޔާ ފުޓްބޯލް އެކަޑަމީ ކާމިޔާބުކޮށްފިއެވެ.

އެފްއޭއެމް މިނީ ޓާފްގައި މިއަދު ހަވީރު ފެށި ލީގުގެ ފުރަތަމަ މެޗު މާޒިޔާ ފުޓްބޯލް އެކަޑަމީ ކާމިޔާބުކުރީ އީގަލްސް ފުޓްބޯލް އެކަޑަމީއާއި ވާދަކޮށް 6 ލަނޑު 2 ލަނޑުންނެވެ. މެޗުގައި މާޒިޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ރިފާޙު، އަހުމަދު ނާސިން، ޔޫސުފް ބިން އަލީ ނަސީދު، މުހައްމަދު އުވެއިޝް އަދި މުހައްމަދު އިޔާންއެވެ. އިޔާން ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. އީގަލްސްގެ ދެ ލަނޑުވެސް ޖެހީ އަހުމަދު ރާއިފް ނަސީމްއެވެ.

މިމުބާރާތަކީ ޓުވާޑްސް ފިއުޗަރގެ ދަށުން ކުރިއަށް ގެންދާ މުބާރާތެއްކަމަށާއި، މިއީ އެކަޑަމީ ތަކުގައި ޓްރެއިނިންގ ހަދާ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެއްކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.

ލީގު އުސޫލުން ކުރިއަށްގެންދާ މިމުބާރާތުގައި ކޮންމެ ޓީމަކަށްވެސް 14 މެޗު ކުޅުމުގެ ފުރުޞަތު ލިބޭނެއެވެ.