ހަމަލާތައް ބަދަލުކުރުން ކުރިއަށް އޮތް ތިން ދުވަހަށް ހުއްޓާލުމަށް ހަމާސް ޖަމާޢަތާ އިސްރާއީލުން އަނެއްކާ ވެސް އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ މިޞްރު މެދުވެރިވެގެން ކަމަށާ މި އެއްބަސްވުން ތަންފީޒުކުރަން ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ހަމާސްގެ ތަރުޖަމާނު ސަމީ އަބޫ ޒުހްރީ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިސްރާއީލުގެ ސިފައިން އެރަށުން ފޭބުމަށް ހަމާސުން ޝަރުތުކޮށްފައިވާނެ ކަމަށާ ހަމަލާތައް ހުއްޓާލުމަށް ފަހު ދިގު މުއްދަތުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މިޞްރުގެ ވެރިރަށް ޤާހިރާގައި އިތުރު މަޝްވަރާތައް ކުރުމަށް ވެސް ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
މި ދެފަރާތުން މީގެ ކުރިންވެސް ވަނީ ހަމަލާތައް ބަދަލުކުރުމުގެ އެއްބަސްވުންތައް ޤާއިމުކޮށް މި ފަދަ އެއްބަސްވުންތައް ފުރިހަމައަށް ތަންފީޒުނުކޮށް އަލުން ހަމަލާތައް ބަދަލުކޮށްފައެވެ.