ކުޅިވަރު

ފޯކައިދޫއާއި ތިމަރަފުށި އެއްވަރު!


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ތ.ތިމަރަފުށި ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ.

ލީގުގައި މިއަދު ހަވީރު ތިމަރަފުށި ފުރަތަމަ ޕޮއިންޓް ހޯދީ ފޯކައިދޫއާ ވާދަކޮށް އެއްވަރުކޮށްގެންނެވެ. މިނިވަން ޗެމްޕިއަންޝިޕް ފައިނަލްގައި ވާދަކުރި ދެޓީމް ލީގުގައި ވާދަކުރި މެޗު އެއްވަރުވީ 2-2 ލަނޑުންނެވެ. ދެ ޓީމަށްވެސް ލަނޑު ޖަހާނެ މަދު ފުރުސަތުތަކެއް ލިބުނު މިމެޗުގެ ލީޑް ނަގާ ކުރި ހޯދީ ފޯކައިދޫންނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމްއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ތިމަރަފުށީގެ އަހުމަދު މަޢުރޫފް ތިމަރަފުށްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ 69 ވަނަ މިނެޓްގައެވެ.
އެކެއް އެކަކުން ދެ ޓީމް އެއްވަރުވެގެން ނިމެންދަނިކޮށް ތިމަރަފުއްޓަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގާދިނީ ބިދޭސީ ކުޅުންތެރިޔާ އެޗްސިއަންއެވެ. މިލަނޑު ޖަހާފައިވަނީ ނުވަދިހަ މިނެޓްގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. އަދި މި ލަނޑާއެކު ފުރަތަމަ ފަހަރަށް ލީގުގައި މޮޅެއް ލިބޭނެކަމުގައި އުއްމީދުގައި ތިބި ތިމަރަފުށި ޓީމް ސިއްސުވާލީ އޭގެ ދެ މިނެޓު ފަހުން ފޯކައިދޫއިން ކާމިޔާބުކުރި ލަނޑުންނެވެ.
ފޯކައިދޫއަށް މުޙިއްމު ލަނޑު ކާމިޔާބުކޮށްދިނީވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މުހައްމަދު ޖައިލަމްއެވެ.

މެޗަށްފަހު ފޯކައިދޫ ޓީމްގެ ކޯޗް އަލީ ނިޝްތާރު ބުނީ މިއީ ފޯކައިދޫ ޓީމްގެ ފެންވަރު ނޫންކަމަށެވެ. މިމެޗްގައި ފޯކައިދޫ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށްވުރެ މޮޅު ކުޅުމެއް ޓީމަށް ދެއްކޭނެކަމަށް ނިޝްތާރު ބުންޏެވެ. އަދި މެޗު ގެއްލުނީ ކުޅުންތެރިން މާބޮޑަށް ފަސޭހަ ކޮށްލުމުގެ ސަބަބުންކަމަށްވެސް ނިޝްތާރު ބުންޏެވެ.

"މިއީ އަސްލުގައި ފޯކައިދޫ ޓީމްގެ ފެންވަރެއް ނޫން، މިއަށް ވުރެ މޮޅަށް ފޯކައިދޫ ޓީމަށް ކުޅެވޭނެ. މެޗުގައި ތިމަރަފުށިން ޖެހި ދެވަނަ ލަނޑަކީވެސް ފޯކައިދޫ ޓީމްގެ ކުޅުންތެރިން ފަސޭހަކޮށްލުމުގެ ސަބަބުން ވަތް ލަނޑެއް. އެއީ ހަމަ ޑިފެންސިވް ވަރަށް ބޮޑު މައްސަލައެއް. މިއީ ވަރަށް ބޮޑު ޑިސެޕޮއިންޓްމަންޓެއް. މިމެޗުން އަސްލުގައި ތިން ޕޮއިންޓް ނެގެންޖެހޭނެ." މެޗަށްފަހު ނިޝްތާރު ބުންޏެވެ.

ތިމަރަފުށީގެ މެނޭޖަރު އަލީ ސަނާޙު ބުނީ ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭކަމަށާއި، ނަމަވެސް މެޗަށް ނިކުތީ ސީދާ ތިން ޕޮއިންޓް ހޯދަންކަމަށެވެ. މެޗަކަށް ފަހު މެޗެއް ތިމަރަފުށީގެ ކުޅުންތެރިން ރަނގަޅު ކުރަމުން އަންނަކަމަށާއި، ފަހަތުން އަރާ މެޗުގެ ލީޑްނަގާ ތިން ޕޮއިންޓް ހޯދައިގެން މެޗް ނިންމާލަން ލިބުނު ފުރުސަތު ގެއްލުނީ ކުޅުންތެރިންގެ ތަޖުރިބާ މަދުވުމުގެ ސަބަބުންކަމަށް ސަނާޙު ބުންޏެވެ.

"މެޗްގެ ފަހުވަގުތު ލީޑް ލިބުމުންވެސް ކުޅުންތެރިންނަށް އެލީޑް ހިފެހެއްޓޭ ގޮތް ނުވި. އަދި ކުޅުންތެރިންގެ ތަޖުރިބާ މަދީ. މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އަންނަތަން ފެނިގެން މިދަނީ. ފޯކައިދޫން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުންއަރާ ދެ ލަނޑުޖެހުމުން، އެއީ ޓީމަށް ލިބުނު ހިތްވަރެއް. މެޗުން ބަލިނުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހުމުންވެސް ހިތްހަމަޖެހޭ. ނަމަވެސް މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން." ސަނާހު ބުންޏެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ޗެންޕިއަން ތ.އަތޮޅު ތިމަރަފުށިން ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އެޓީމަށް މެޗަކުން މޮޅެއް ނުހޯދެއެވެ. ފޯކައިދޫ ވަނީ ދެ މެޗު އެއްވަރުކޮށް އެއް މެޗުން ބަލިވެފައެވެ.