ޚަބަރު

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ޚާއްޞަ ކޮމާންޑެއް އެކުލަވާލައިފި


ރިޔާސީ އިންތިޚާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވެ، ޚާއްޞަ ކޮމާންޑެއް އެކުލަވާލައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއިބެހޭ ގޮތުން ވާހަކަދައްކަވަމުން ހޯމް މިނިސްޓަރުގެ ނައިބު އަޙްމަދު ސިއްދީޤު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ދިވެހި އެންމެހާ ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއެކު އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން، ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބެލެވޭ ސަރަޙައްދުތައް މިހާރުވެސް ޚާއްޞަ ސަމާލުކަމެއްދީގެން ބަލަހައްޓަމުންދާކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރުމިވަނީ އިންތިޚާބާ ގުޅިގެން މާލޭ އޭރިއާ ހިމެނޭހެން އިންތިޚާބުގެ ސަލާމަތީކަންކަން މޮނިޓަރ ކުރުމަށްޓަކާ، ޚާއްޞަ ވަކިކޮމާންޑެއް އެކުލަވާލާފަ. އެހެންވީމަ އެކޮމާންޑުގެ ބެލެމުގެ ދަށުން ރާއްޖޭގެ ކަންކޮޅުތަކަށް އައްޔަންކުރާނެ ފަރާތްތަކާއި، އެރަށްރަށުގައި އިންތިޚާބުގެ ސަލާމަތީކަންކަން ކުރިއަށްދާނެގޮތްތައް ކަނޑައަޅާނީ" ސިއްދީޤް ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ފަރާތްތަކާއި އެބޭފުޅުންގެ ރަނިން މޭޓުންގެ ތެރެއިން ސެކިއުރިޓީއަށް އެދިފައިވާ ފަރާތްތަކަށް ސަލާމަތީކަންކަން ހަމަޖައްސާދީފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާންކުރާ ހިސާބުން ފެށިގެން އެފަރާތްތަކަށް ރަސްމީކޮށް ސެކިއުރީޓީ ހަމަޖެހިގެންދާނެކަން ސިއްދީޤު ފާހަގަ ކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނެ، މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެންދަވަނީ މި އިންތިޚާބުގެ ކަންތައްތައް ވަރަށް ގާތުން މޮނިޓަރ ކުރަމުން. އެއްވެސް ފަރާތަކަށް އެއްވެސް ތްރެޓެއް އޮތްނަމަ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ތްރެޓް އޮތީ ކިހާވަރަކަށް ކަން، މިވެނި މީހެއްގެކަން ތްރެޓް އޮތީ. އަދި ހަމަޖެހުން ނަގާލުމަށް ކުރިއަށްދާ ކަންކަންވެސް ބަލަމުންދާނީ." ސިއްދީޤް ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު މިފަހަރުގެ އިންތިޚާބު މިބޭއްވެނީ ރާއްޖޭގެ މުޖުތަމައަށް ގިނަ ބަދަލުތަކެއް އައިސްފައިވާ ދުވަސްވަރެއްގައިކަމަށާއި ޒުވާނުންގެ އާބާދީ އިތުރުވުމާއެކު، ދިވެހިންގެ ހޭލުންތެރިކަން މިހާރު ކުރިއަށްވުރެ ބޮޑުކަން ސިއްދީޤު ފާހަގަކުރެއްވިއެވެ. އަދި މިފަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ ސުލްހަވެރިކަމާއި އަމާން އޮމާންކޮށް ކުރިއަށްދާ އިންތިޚާބަކަށް ހެދުމަށް ސަލާމަތީ ބާރުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އާންމު ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށް ހޯމް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގައެވެ.