ޚަބަރު

ދިއްދޫގައި އިޢާދަ ކުރަނިވި ހަކަތައިގެ ބިޔަމަޝްރޫއެއް ހިންގަނީ


ހއ.ދިއްދޫގައި އިޢާދަ ކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫޢެއް ކުރިއަށްގެންދިއުމަށްޓަކައި 250 ކިލޯ ވޮޓުގެ ސޯލާ ޕެނަލް ކައިރި މުސްތަގުބަލެއްގައި އެރަށުގައި ހަރުކުރާނެކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިޢާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ ރަށްރަށުގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކުގެތެރެއިން ދިއްދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ، އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫއަކީ ތެޔޮއަންދައިގެން އުފައްދާ ކަރަންޓަށް ބަރޯސާވުން ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ދިއްދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ 4 މަޝްރޫއެއްގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހަމައެކަނި ދިއްދޫއަށްވެސް ނުވަދިހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދިއްދުއަކީ ވަރަށް ހީވާގި މަސައްކަތްތެރި ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، އެރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުން ކުރިއަށްގެންދަނީ ރަށްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން ދިއްދޫއަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫއުތައްވެސް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް އޮތްތަނުގައި ކޮށްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.