ޚަބަރު

ތަރައްޤީގެ ސޮފްހާތައް ލިޔުއްވުމުގެ ފުރުޞަތު ރައީސް ޔާމީނަށް ދެއްވަންޖެހޭ: ހައުސިންގ މިނިސްޓަރ


ރާއްޖެއަށް ގެންނަމުން މިދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއެކު، ތަރައްޤީގެ ސޮފްޙާތައް ލިޔުއްވުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެއްވަންޖެހޭ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ހަތަރު މަޝްރޫޢުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ފާއިތުވި ހަތަރު އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ތަރައްޤީގެ ސުރުޚީއެއް އަޅުއްވާފައި ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްޤީގެ ބިޔަ މަޝްރޫއުތައް ފެށިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތަށް ރައްޔިތުން ފުރުޞަތު ދެއްވަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، އެފުރުޞަތު ރައީސް ޔާމީނަށް އިތުރަށް ހޯދައިދިނުމުގެ ވަގުތު ވަރަށް ކައިރިވެއްޖެކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހުރިހާ ރައްޔިތުން އަތާއަތް ގުޅާލައިގެން ތަރައްޤީއަށް އާނބަސް ބުނަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ޔަގީންކުރަން މިރަށަކީ، ދިއްދޫއަކީ މިކަމުގައި މުޅި ރާއްޖެއަށް މިސާލެއް ދައްކާނެފަދަ ބޮޑު އަޣުލަބިއްޔަތެއް ނެރޭނެ ރަށެއް. މިރަށުގެ ރައްޔިތުން އެބަޖެހޭ މިކަމުގައި އެކައްޗެއް ކިޔަން. މީ ތަރައްޤީގެ ޒަމާން. ތަރައްޤީގެ ފިކުރު އަޅުގަނޑުމެން އެންމެންގެ ހުންނަންޖެހޭ." މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުޢިއްޒު ވަނީ ސަރުކާރުން ކުރިއަށްގެންދާ ތަފާތު އެކި މަޝްރޫއުތަކާއެކު ކުރިއަށް އޮތް ތަނުގައިވެސް ދިއްދޫއަށް ބޮޑެތި މަޝްރޫއުތައް ގެންނަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.