ޚަބަރު

އިންސާފުވެރި އިންތިޚާބެއް ބޭއްވިޔަނުދޭން މަސައްކަތްކުރަނީ އިދިކޮޅު ފަރާތްތައް - ޠާރިޤް


އަންނަ ސެޕްޓެމްބަރުމަހު އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވިޔަ ނުދިނުމަށް މަސައްކަތް ކުރަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެކަމަށްބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ހއ.ދިއްދޫގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޠާރިޤް ވިދާޅުވީ، އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށްވާނެ ކަމާމެދު ސަރުކާރަށް އެއްވެސް ޝައްކެއްނެތްކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމައަށް ކުރަމުންދާކަމަށާ، ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތައްވެސް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަން މިގޮތަށް ކުރިއަށްދާއިރު، އިދިކޮޅުފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލުމަށް ހަޤީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންކަމަށާ، މިކަން އެފަރާތްތަކުން ވަގުތުން ހުއްޓާލަންޖެހޭކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން އިދިކޮޅު ލީޑަރު މި ވިދާޅުވަނީ ތިމަންނަމެންނަށް ހިއެއް ނުވޭ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމެއް. އެހެން މި ވިދާޅުވަނީ އިދިކޮޅު ފަރާތްތަކުން. އަޅުގަނޑަށް ހީވަނީ އެބޭފުޅުންހެން އިންސާފުވެރި އިންތިހާބެއް ނުބާއްވަން މިއުޅެނީ. އަޅުގަނޑުމެން ސަރުކާރުން ކުރެވުނު ހުރިހާ ކަމެއް އެބަކުރަން އިންތިހާބު އިންސާފުވެރިކޮށް ގެންދިއުމަށް."

މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތައް ހައްލުކޮށް، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާކަމަށް ބުނާ ކަންކަން ޙައްލުކުރުމަށްވެސް ސަރުކާރުން މަސައްކަތްތައް ކުރަމުންދާކަމަށް. އެގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް އެތައް ފަހަރެއްގެ މަތިން ޕާޓީތަކަށް ސަރުކާރުން ދަޢުވަތުދީފައިވާއިރު، އެކަމަށްވެސް އިދިކޮޅު ފަރާތްތަކުން އިޖާބަ ދީފައިނުވާކަން މިނިސްޓަރުގެ ފާހަގަކުރެއްވި.

ޤައުމީ ހަމަޖެހުމާއި އިސްލާޙަށް މަސައްކަތްކުރުމުގެ ބަދަލުގައި އިދިކޮޅުފަރާތްތަކުން މަސައްކަތް ކުރަނީ ބޭރުގެ އެކިފަރާތްތަކާ ގުޅިގެން ރާއްޖެއާމެދު ފިޔަވަޅުއަޅައި، ރާއްޖޭގެ އިޤްތިޞާދު ހަލާކުކުރުމުގެ މަސައްކަތްކަމަށް މިނިސްޓަރު ޠާރިޤް ވިދާޅުވި. މިނިސްޓަރ ތޯރިޤް ވަނީ ރައީސް ޔާމީންގެ ސަރުކާރުން ރިޔާސީ އިންތިޚާބަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވެ، އެއްވެސް ފަރާތަކުން އިންތިޚާބުގެ މިނިވަންކަން ގެއްލޭފަދަ ޢަމަލެއް ނުކުރުމަށް ގޮވާލާފައި.

"ވެގެން މިއުޅޭ ގޮތަކީ އިދިކޮޅު ފަރާތްތަކަށް އެމްޑީޕީއަކަށް ތާއީދެއް ނެތްކަން. ރާއްޖޭގަ ތާއީދެއް ނެތްކަން. އެކަން މިއަދު މިރަށުންވެސް އެނގިގެންގޮސްފި. މިރަށުގެ ކުދި ބޮޑު އެންމެން މިތިބީ ރައީސް ޔާމީނާއެކު. މިއީ އަޅުގަނޑު ދަންނަވާނީ އިދިކޮޅު ފަރާތްތަކަށް އެމްޑީޕީއަށް ޝޮކަކަށް ވެގެންދާނެ. އެހެންވީމަ އަޅުގަނޑުމެން މިތިބީ ރައީސް ޔާމީން ފަންސާސް ޕަސެންޓުން ހޮވައިގެންދާކަށް ނޫން. އަށްޑިހަ ފަސް ޕަސެންޓުން ހޮވަން ތައްޔާރަށް. އެކަންތައް މިއަދު ވާނެ."

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިޤް އިބްރާޙިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޢާއްމުރައްޔިތުންނަށް އޮޅުން އަރާފަދަ ގޮތްގޮތަކަށް ވާހަކަތައް ނުދެއްކުމަށާއި އެފަދަކަންކަން ނުކުރުމަށް މިނިސްޓަރ ޠާރިޤު ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލާފައި.