ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ރަނިން މޭޓަށް ގއ. ވިލިނގިލިން ހޫނު މަރުޚަބާއެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ޑރ. ޝަހީމް ގއ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދުއާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އަސްއަދާއި ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާނު ބައިވެރިވެވަޑައިގަންނަވައެވެ. ޑރ. ޝަހީމް ވަނީ ވިލިނގިއްޔަށް ވަޑައިގެން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެއްވެތިބި ރައްޔިތުންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ޙާލު ބައްލަވާލައްވާފައެވެ. ހަމަމިއާއެކު ކެމްޕޭނުގެ ތެރެއިން ވިލިނގިލީގެ ހުރިހާ ގޭބީސީއަށް ޑރ. ޝަހީމް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ޑރ. ޝަހީމްގެ ދަތުރުފުޅާއިބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދާންދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްޢަދު ވިދާޅުވީ، މި ދަތުރުގައި ޑރ. ޝަހީމް ވިލިނގިލީގެ ހުރިހާ ގެޔަކަށް ވަކިވަކިން ވަޑައިގެން ރައްޔިތުންގެ ކަންބުޑުވުންތައް އަހާ އެކަންކަމަށް ހައްލު ހޯދައި ދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާޢީދު ހޯއްދެވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އަސްޢަދު ވިދާޅުވިއެވެ.

ޑރ. ޝަހީމް ގއ. އަށް ކުރައްވާ މިދަތުރުފުޅުގައި ވިލިނގިލީގައި ދެ ދުވަހު މަޑުކުރެއްވުމަށްފަހު ދެން ވަޑައިގަންނަވާނީ ކޮލަމާފުއްޓަށެވެ. ޖުމްލަ އަށް ދުވަހުގެ މިދަތުރުގައި އެމަނިކުފާނު ގއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.