ކުޅިވަރު

ފުރަތަމަ އެކުއަތެލޯން މުބާރާތުގެ ޗެންޕިއަންކަން ހޯދީ ޖޫނިއަރ ދެ ފެތުންތެރިން


އެކުއަތެލޯން މުބާރާތުގެ ޗެންޕިއަންކަން ހޯދި ޖޫނިއަރ ދެ ފެތުންތެރިންކަމަށްވާ އާން ހުސެއިން އާއި އިރަމް ސަލީމް އަކީ 14 އަހަރުގެ ދެ ފެތުންތެރިންނެވެ. ކ.ދިއްފުށީގައި އަކުއަތެލޯން މުބާރާތާއ، ޤައުމީ ދިގު ފެތުމުގެ މުބާރާތް ކުރިއަށްދިޔައިރު، މުބާރާތުގެ އެކިއެކި ކެޓަގަރީތަކުގައި 100އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ.

އެކުއަތެލޯން މުބާރާތަކީ ފެތުމާއި ދުވުން ހިމެނޭ މުބާރާތެކެވެ. މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ޖޫނިއަރ ފިރިހެން ޓީމް ކެޓަގަރީ، ފިރިހެން ޓީމް ކެޓަގަރީ އަދި އެކުއަތެލޯން ޤައުމީ ޖޫނިއަރ އަންހެން އަދި ފިރިހެންބައި ހިމަނައިގެންނެވެ. ޤައުމީ އެކުއަތެލޯން މުބާރާތުގައިވެސް އަންހެން އަދި ފިރިހެންބައި ވަނީ ހިމަނާފައެވެ. ޤައުމީ އެކުއަތެލޯން މުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން އިރަމް ހޯދާފައިވާއިރު، މިބައިން ދެވަނަ ހޯދީ އައިޝަތު ހުލްވާއެވެ. އަދި ތިންވަނަ ހޯދީ އަންމާއު އަހުމަދެވެ. ފިރިހެންބައިގެ ޗެންޕިއަންކަން މުހައްމަދު އާން ހޯދާފައިވާއިރު، ދެވަނަ ހޯދާފައިވަނީ ހުސެއިން މުބާޙުއެވެ. އަދި ތިންވަނަ ހޯދީ އަހުމަދު އައްޒާން ޒާހިދުއެވެ. އިރަމް އަދި އާން ބުނީ އެކުއަތެލޯންބައިގެ އެންމެ އުނދަގޫވީ ދެވަނައަށް ދުވަންޖެހުނު ބައިގައިކަމަށެވެ. ފެތުންތެރިންކަމަށްވުމުން، ދުވުމުގައި އެހާ ތަޖްރިބާ ނެތްކަމަށްވެސް ދެ ފެތުންތެރިން ބުންޏެވެ.

ޤައުމީ އެކުއަތެލޯން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 2.5 ކިލޯމީޓަރަށް ދުވުމާއި، އެއް ކިލޯމީޓަރު ފެތުން އަދި 2.5 ކިލޯމީޓަރުގެ ދުވުން ހިމަނައިގެންނެވެ. އެކުއަތެލޯން ޖޫނިއަރ ބައި ކުރިއަށް ގޮސްފައިވަނީ 1.5 ކިލޯމީޓަރު ދުވުމަށް ފަހު 750 މީޓަރު ފެތުން އަދި 1.5 ކިލޯމީޓަރު ދުވުން ހިމެނޭގޮތަށެވެ. ޖޫނިއަރ ފިރިހެން ޗެމްޕިއަނަކީ އަހުމަދު އަލާން އަލީއެވެ. ދެ ވަނަ ހޯދީ ޔޫސުފް ނުހައިކް ނަސީމްއެވެ. އަދި ތިންވަނަ ހޯދީ ހުސެއިން އަލްސަން މުހައްމަދެވެ. ޖޫނިއަރ އަންހެން ޗެމްޕިއަންކަން ހޯދީ ފާތިމަތު އީޝަލް އައްސަދު ހަނީފްއެވެ. ދެވަނަ ހޯދީ ޒައިނަބު އަބްދުﷲ ޝަފީޤުއެވެ. އަދި ތިންވަނަ ހޯދީ ޖުމައިރާ އައިމިނަތު އާމިރުއެވެ.

މޯލްޑިވްސް ގޭސް ދިގުފެތުމުގެ ޤައުމީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އަލީ އިއްމާން ހޯދާފައިވާއިރު، އަންހެން ޗެމްޕިއަންކަން ހޯދީ އައިޝަތު ސާޖިނާއެވެ. 22 ފެތުންތެރިން މިބައިގައި ވާދަކުރިއެވެ. ފިރިހެން ބައިގެ ދެވަނައަށް ދިޔައީ ހަސަން އަޝްރަފް އަދި ތިންވަނަ ހޯދީ އިބްރާހީމް މައިޝާން ޝަމީމްއެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޤައުމީ ޓީމުގެ ފެތުންތެރިޔާ ސާޖިނާއެވެ. ދެވަނަ ހޯދީ އައިމިނަތު އިރަމް ސަލީމްއެވެ. އަދި ތިން ވަނަ ހޯދީ އަންމާއު އަހުމަދު ސަލީމްއެވެ. މިބައިގައި ނުވަ ފެތުންތެރިން ވާދަކުރިއެވެ. ފިރިހެން ޗެންޕިއަން އިއްމާން ބުނީ ޗެންޕިއަންކަން ހޯދުމަށް ދުރާލާ ވަރަށް ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔަކަމަށާއި، އެއްވަނަ ލިބުނީ ވަރަށް ހިތްވަރުންކޮށްގެންކަމަށެވެ. އަދި އަންހެން ޗެންޕިއަން ސާޖިނާ ބުނީ ރޯޅި ބާރުވުމުން ވަރުބަލިކަން އިހުސާސް ކުރެވުނުކަމަށެވެ، ނަމަވެސް ހިތްވަރު ދޫކޮށްނުލާކަމަށެވެ.

ސީނިއަރ ޓީމް ބައިގައި ފުރަތަމަ ކެޓަގަރީ ކުރިއަށްދިޔައީ 2.5 ކިލޯމީޓަރު ދުވުމަށްފަހު އެއް ކިލޯމީޓަރަށް ފަތާފައި ގޮސް 2.5 ކިލޯމީޓަށް ދުވާގޮތަށެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޝަހުދާން ޝަހީމް އާއި އަބްދުލް ރަޝީދު އިސްމާއިލްއެވެ.
ޖޫނިއަރ ޓީމު ބައިގައި ޖެހުނީ 1.5 ކިލޯމީޓަރު ދުވުމަށް ފަހު 750 މީޓަރަށް ފަތާފައި ގޮސް 1.5 ކިލޯމީޓަރު ދުވާށެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ އަބްސަލް އަބްދުﷲ އާދަމް އާއި އިފްޒާލް އިބްރާހިމް މަހްފޫޒްގެ ޓީމެވެ.

ކިޑްސް އެކުއަތެލޯން 10 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ބައި ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މިމުބާރާތުގައި ބައިނަލްއަޤްވާމީ އެތުލީޓެއް ކަމަށްވާ ސްޕެއިނުގެ ރީސްޒާޑް މަޖޫސްކީ ބައިވެރިވިއެވެ. ދިރާގު ރޯޑް ރޭހާއި ރެޑްބުލް ކެޗް ދަ ފެރީ ރޭހުގައި ކާމިޔާބީތަކެއް ހޯދާފައިވާ ސްރީލަންކާގެ ޕެޓްރީޝިއާ ޑޮރީން ގޯމޭޒާއި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފްވެސް އިވެންޓްގައި ބައިވެރިވިއެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ސްވިމިންގ އެސޯސިއޭޝަނާއި މާލޭ ފިޓްނަސް ކްލަބް ގުޅިގެންނެވެ.