ޚަބަރު

މާލޭ ރިންގު ރޯޑްގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭ.ސީ.ބީ ލޭޔަރ އަޅަން ފަށައިފި


މާލޭ ރިންގު ރޯޑްގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭ.ސީ.ބީ ލޭޔަރ އަޅަން ފަށައިފިއެވެ.

ބްރިޖް މަޝްރޫޢާ ގުޅިގެން ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްޤީކުރުމަށް ހައުސިންގ މިނިސްޓްރީ ފަށާފައިވާ މަޝްރޫޢުގެ ދަށުން މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފެށިގެންގޮސް ހުޅުމާލެ ފެރީޓާމިނަލާހަމައަށް އެމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރަމުންނެވެ.

އެގޮތުން ލޮނުޒިޔާރަތްކޮޅުން ފެށިގެން ހުޅުމާލެ ފެރީޓާމިނަލާ ހަމައަށް މަގުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއަދުވަނީ ހިލަޔާއި ހިލަވެއްޔާއި ސިމެންތި ބޭނުންކޮށްގެން އަޅާ އޭ.ސީ.ބީ ލޭޔަރ އެޅުމުގެ މަސައްކަތް ފަށާފައިއެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓްރީން ބުނީ މިއަދު އަޅަންފެށި ލޭޔަރގެ މަސައްކަތް ނިމުމާއެކު އެސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތްވެސް މޫސުންތަންދޭނަމަ ވަރަށް އަވަހަށް ފަށާނެކަމަށެވެ.

ރިންގް ރޯޑުގެ މަސައްކަތުގެ ތެރެއިން ސްޓޭޑިއަމް ހިމެނޭ ސަރަހައްދަށްވެސް ފަސްއަޅާއި ބިންގަނޑުއެއްވަރުކުރުމާއި، ޕޭމަންޓްތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. ބްރިޖުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ވެރިރަށް މާލޭގެ މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އެގޮތުން ބްރިޖާއެކު، މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކާ "މާލޭ ރިންގް ރޯޑް ޑިވެލޮޕްމަންޓް"ގެ ނަމުގައި ޙާއްސަ މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު މިހާރަށްވުރެ ފުޅާކޮށް، ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ މިހާރު 2 ލޭނަށް ދުއްވާ މި މަގު، 4 ލޭނަށް ބަދަލުކޮށް، މަގުގައި ތާރު އެޅުމެވެ. ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ބްރިޖް މަޝްރޫޢު ނިމުމުގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.