ޚަބަރު

ހުޅުލެއާއި ހުޅުމާލެ ގުޅާލާ ހައިވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި


ސިނަމާލެ ބުރިޖުން ފެށިގެން ހުޅުލެއާއި ހުޅުމާލެ ގުޅާލުމަށް ހަދާ ހައިވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މިހައިވޭ އަކީ ސިނަމާލެ ބުރިޖާއި އެއްވަރެއްގެ ފުޅާމިނެއްގައި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ މަގެކެވެ. ޕީ.އެސް.އެމް ނިއުސް އަށް މައުލޫމާތުދެއްވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވީ މީގެ 3 ދުވަސްކުރިން ހައިވޭގައި ތާރުއެޅަން ފަށައި ހަލުއިކަމާއެކު އެކަން ކުރިއަށްދާކަމަށެވެ.

ހައިވޭގެ ފަހުމަރުހަލާގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އަންނަމަހު ބްރިޖް ހުޅުވުމުގެ ކުރިން ހައިވޭ ބޭނުންކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސިނަމާލެ ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ހުޅުލެއާއި ހުޅުމާލެއާ ދެމެދު ހަދާ ހައިވޭގެ ދިގުމިނަކީ 4 ކިލޯމީޓަރެވެ.

ބްރިޖްގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާއިރު، ބްރިޖާ ގުޅިގެން ހަދާ މާލޭ ރިންގް ރޯޑުގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭ.ސީ.ބީ ލޭޔަރ އަޅުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.