ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ށ. ފުނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ފުނަދޫގެ ސާޅިސް އިންސައްތަ މަގު ނުވަތަ 3.3 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ފުނަދޫގައި ތާރުއަޅެމުގެ މަސައްކަތް ފެށިއިރު، މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ކާނު ހަދައި، ޕޭމަންޓާއި ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާފައެވެ. އަދި ތާރުއަޅަން ހަމަޖެހިފައިވާ ހުރިހާ މަގެއްގައި މިހާރު ވަނީ ކާބު ޖަހައި ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމް ވިދާޅުވީ، އެރަށުގެ މަގު ހެދުމުގެ މަޝްރޫޢު ލަސްވެފައި ވަނީ ރައްޔިތުންނަށް ބޭނުންވާ ސާފު ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ހޮޅިތައް ވަޅުލުމުގެ މަސައްކަތް އެއްކޮށް ނުނިމި ހުރުމުން ކަމަށެވެ. ނަމަވެސް މަސައްކަތް މިހާރު ފެށި، ކުރު މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
"ހަގީގަތުގައި ފުނަދޫ ރައްޔިތުންނަށް މީގެ ކުރިން އިހުސާސެއް ނުކުރެވޭ މިގޮތަށް މީގެ ކުރިން ތާރު މަގުގައި އުޅޭނެ ކަމެއް. ނަމަވެސް މިއަދު ރައީސް ޔާމީން މިވަނީ ފުނަދޫގެ ރައްޔިތުންނަށް މިކަން ހަޤީޤަތަކަށް ހައްދަވާ ދެއްވާފަ. އަޅުގަނޑުމެންނަށް މިއަދު ޤަބޫލު ކުރެވިއްޖެ ފުނަދޫގެ މަގުތަކުގައި ހުންނަންޖެހޭނީ ތާރުއެޅިފަ ކަމަށް. އެހެންކަމުން މިއަދު މިއީ ފުނަދޫގެ ރައްޔިތުން ވަރަށް އުފާވެރި ދުވަހެއް." ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމް ވިދާޅުވިއެވެ.
ށ. ފުނަދޫ މަގު ހެދުމުގެ މަޝްރޫއަށް ބަލާއިރު އެރަށުގެ ސާޅީސް އިންސައްތަ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފުރަތަމަ މި މަސައްކަތް ފަށާފައިވަނީ ފުނަދޫ ދެކުނު ފަރާތުން ޢިއްޒުއްދީނު މަގުގައެވެ. ފުނަދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އޯގަސްޓު މަހުގެ ނިޔަލަށް ތާރުއަޅެމުގެ މަސައްކަތް އެއްކޮށް ނިމޭނެއެވެ.